މެދުއިރުމަތީގެ ހަނގުރާމައާ ހެދި ކުރިމަތިވަމުންދާ އިގުތިސާދީ މައްސަލަތަކަށް ރިއާޔަތްކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅައި، ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހު ގޭގައި ތިބެގެން މަސައްކަތްކުރަން ނިންމައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަރަދުކުޑަކުރަން އަޅާ އެއް ފިޔަވަޅަކީ ކޮންމެ ހަފުތާއެއްގެ ވެސް އަންގާރަ ދުވަހަކީ އެ އޮފީހުގެ މަސައްކަތްތައް މުވައްޒަފުން ގޭގައި ތިބެގެން ކުރާ ދުވަހަކަށް ހެދުން ކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުން، ޕީޖީ އޮފީހުގެ މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައި ވެސް މެންދުރުފަހު 2:00 ގެ ފަހުން މަސައްކަތްތައް ކުރާނީ ގޭގައި ތިބެގެންނެވެ. އެހެން ނަމަވެސް އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭ މަސައްކަތްތައް ކުރަން އޮފީހަށް ހާޒިރުވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
".ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނެއެވެ. ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެ ކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.
ހަރަދުކުޑަކުރަން ގެނައި ބަދަލުތަކުން އެ އޮފީހުގެ މަސައްކަތްތަކަށް ލަސްކަމެއް ނާންނާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ހަރަދުކުޑަކުރަން އަޅާ އެހެން ފިޔަވަޅުތަކުގެ ތެރޭގައި އޮފީހުގެ ވެހިކަލްތައް ބޭނުންކުރާ މިންވަރު މަދުކުރުމާއި ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުން ހިމެނެ އެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައިގެ ސަބަބުން މެދުއިރުމައްޗަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ، ދުނިޔޭގެ އިގުތިިސާދަށް އެކަމުގެ އަސަރުތައް ކުރަން ފެށިތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.