ފެއަރީ ޓޭލްތަކަށް ލޯބިކުރާ މީހުންނަށް މި އޮތީ އުފާވެރި ހަބަރެކެވެ. މަޝްހޫރު ވާހަކަ "ބިއުޓީ އެންޑް ދަ ބީސްޓް" ސިނަމާތަކަށް އަންނަން ތައްޔާރު ވަނީ އެވެ.
ހިޔާލީ މި ވާހަކައިގެ ތެރެއަށް މީގެ ކުރިން ބޮޑު ސްކްރީނުން ބެލުންތެރިން ގެންގޮސް ދިނީ އެނިމޭޝަން ފިލްމެއްގެ ގޮތުގައި 1991 ވަނަ އަހަރު އެވެ. "ބިއުޓީ އެންޑް ދަ ބީސްޓް" ގެ ފްރެންޗް ވާޝަންއެއް 2014 ވަނަ އަހަރު ރިލީޒްކޮށްފައިވެ އެވެ.
އެކަމަކު ސިނަމާ އަށް މި ފަހަރު އަންނަ "ބިއުޓީ އެންޑް ދަ ބީސްޓް" އަކީ ހޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންނާ އެކު، ބެލުންތެރިންނާ ބައްދަލު ކުރާނެ ފިލްމެކެވެ. ފިލްމުގެ އެންމެ މުހިއްމު ރޯލުން ފެނިގެން ދާނީ "ހެރީ ޕޮޓާ" އިން ވިދާލި އެމާ ވަޓްސަން އެ އެވެ. އޭނާ އާ އެކު ފިލްމުގެ ކާސްޓުންގެ ތެރޭގައި ޑޭން ސްޓީވެންސް، ލޫކް އިވާންސް އަދި ކެވިން ކްލައިން ހިމެނެ އެވެ.
ބިލް ކޮންޑޮން ޑައިރެކްޓްކޮށްފައިވާ "ބިއުޓީ އެންޑް ދަ ބީސްޓް" ސިނަމާތަކަށް އަންނަން އަދި ފުދޭ ގިނަ ދުވަސްތަކެއް އެބަ އޮތެވެ. ޑިސްނީން އުފައްދާފައިވާ މި ފިލްމް ރިލީޒް ކުރަން ތާވަލްކޮށްފައި ވަނީ މާޗް 17، 2017 ގަ އެވެ.
އެކަމަކު އޭގެ ކުރިން ފިލްމަށް އިންތިޒާރުކުރާ ފަރާތްތަކަަށް މިހާރު މި ވަނީ ފިލްމުގެ ފުރަތަމަ ޓީޒާ ދައްކާލައިފަ އެވެ.
ޓީޒާ ރިލީޒް ކުރިތާ ދެ ދުވަހެއްގެ ތެރޭގައި އެއަށް މިހާރު މި ވަނީ ނުވަ މިލިއަނަށް ވުރެ ގިނަ ވިއުސް ވެސް ލިބިފަ އެވެ. އެއިން ދައްކުވައި ދެނީ ފިލްމުގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބި ކަމެވެ.
ޓީޒާ އަށް ފަހު ފޭނުން މިހާރު ތިބީ ޓްރެއިލާ އަންނާނެ ދުވަހަކަށް ކެތްތެރިކަން ކުޑަވެފަ އެވެ.