މާލޭގައި ދިރިއުޅޭ މަސައްކަތު އާބާދީގެ 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ލޭބާ ފޯސް ރިޕޯޓުގައި ބުނެފި އެވެ.
މަސައްކަތްތެރިންގެ ދުވަހާ ދިމާކޮށް އެމްބީއެސް އިން މިދިޔަ ހުކުރު ދުވަހު އާންމުކުރި "ލޭބާ ފޯސް ރިޕޯޓު 2024-2025" ގައި ބުނީ މާލޭގައި މަސައްކަތްކުރާ އުމުރުގެ (15 އަހަރުން މަތީގެ) އާބާދީއަކީ 188,062 ކަމަށެވެ.
- މަސައްކަތު އާބާދީގެ ޖުމްލަ: 188،062 މީހުން
- މަސައްކަތު އާބާދީގެ 68 ޕަސެންޓަކީ ދިވެހިން
- މަސައްކަތު އާބާދީގެ 32 ޕަސެންޓަކީ ބިދޭސީން
- ޖުމްލަ އާބާދީގެ ތެރެއިން 144,328 މީހުންނަކީ މަސައްކަތުގެ ބާޒާރުގައި ހިމެނޭ މީހުން
ޖުމްލަ 141,039 މީހަކު ވަޒީފާގައި އުޅޭއިރު، އޭގެ ތެރޭގައި ހިމެނެނީ 102,818 ފިރިހެނުންނާއި 38,221 އަންހެނުންނެވެ. ވަޒީފާ ނެތް މީހުންގެ އަދަދު 3,289 ގައި ހުރި އިރު، އޭގެ ތެރެއިން 3،150 މީހުންނަކީ ދިވެހިންނެވެ.
ވަޒީފާ ނެތް މީހުންގެ ޖުމްލަ ރޭޓަކީ 2.3 ޕަސެންޓެވެ. ނަމަވެސް، ހަމައެކަނި ދިވެހިންނަށް ބަލާއިރު އެ ރޭޓް ހުރީ 3.7 ޕަސެންޓުގަ އެވެ.
މާލޭގެ ވަޒީފާގެ ބާޒާރުގެ ބޮޑުބައި ނުވަތަ 78.4 ޕަސެންޓު ހިއްސާކުރަނީ ޓާޝިއަރީ ދާއިރާގެ ވަޒީފާތަކެވެ. އޭގެ ތެރޭގައި، ހޯލްސޭލާއި ރީޓެއިލް ވިޔަފާރިގެ 19 ޕަސެންޓާއި ސަރުކާރު ވަޒީފާތަކުގެ 14.5 ޕަސެންޓު އަދި ދަތުރުފަތުރުގެ ދާއިރާގެ 10.1 ޕަސެންޓު ހިއްސާކުރެ އެވެ.
ދެން އެންމެ ގިނައީ ސެކަންޑަރީ ދާއިރާގައި ވަޒީފާތަކެވެ. އޭގެ ތެރޭގައި 12.6 ޕަސެންޓާ އެކު އެންމެ ގިނައީ އިމާރާތްކުރުމުގެ ދާއިރާގެ ވަޒީފާތަކެވެ.
މާލޭގެ ވަޒީފާގެ ބާޒާރުގައި އުޅޭ ދިވެހިންގެ 53.3 ޕަސެންޓު މަސައްކަތްކުރަނީ ދައުލަތުގެ އެކި މުއައްސަސާތަކުގައި ކަމަށް ވާއިރު އޭގެ ތެރޭގައި މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާ އާއި ފުލުހުންނާއި ސިފައިންނާއި ރައްޔިތުންގެ މަޖިލިސް އަދި ސަރުކާރުގެ ކުންފުނިތައް ހިމެނެ އެވެ.
އެ ރިޕޯޓުގައިވާ ހިސާބުތަކަށް ބަލާއިރު، ދައުލަތުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ ދިވެހިންގެ އަންދާޒާ އަދަދަކީ 44,015 އެވެ.
މާލޭގެ ވަޒީފާގެ ބާޒާރުގައި އުޅޭ ބިދޭސީންގެ 88.6 ޕަސެންޓު މަސައްކަތްކުރަނީ އަމިއްލަ ވިޔަފާރިތަކުގަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުގައި، މަސައްކަތްކުރާ އުމުރުގެ 43,734 މީހުން ތިބީ މަސައްކަތުގެ ބާޒާރުން ބޭރުގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އަންހެނުން: 43.8 ޕަސެންޓު (މީގެ ތެރެއިން 49 ޕަސެންޓަކީ ގޭތެރޭގެ މަސައްކަތުގައި އުޅޭ މީހުން).
- ފިރިހެނުން: 10.8 ޕަސެންޓު (މީގެ ތެރެއިން 49 ޕަސެންޓަކީ ކިޔަވާ ކުދިން).
ވަޒީފާ ނެތް މީހުންގެ އިތުރުން، އެކަށީގެންވާ ވަގުތަށް ވުރެ މަދުން މަސައްކަތްކުރާ 2,398 މީހަކު ތިބިކަން ފާހަގަކުރެވޭ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައި ބުނީ ވަޒީފާއެއް ބޭނުންވެ، ނަމަވެސް އެކި ސަބަބުތަކާ ހުރެ ވަޒީފާއެއް ނެތި މިވަގުތު 6,269 މީހަކު އެބަތިބި ކަމަށެވެ.
އެމްބީއެސްގެ ރިޕޯޓުން އެނގޭ ގޮތުގައި މާލޭގެ ވަޒީފާގެ ބާޒާރުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ބޮޑު ފަރަގެއް އެބަހުއްޓެވެ. ފިރިހެނުންގެ 87.7 ޕަސެންޓު ވަޒީފާގައި އުޅޭއިރު، އަންހެނުންގެ ތެރެއިން ވަޒީފާގައި އުޅެނީ 54.0 ޕަސެންޓެވެ. ރާއްޖޭގައި ތިބި ބިދޭސީންގެ 97.5 ޕަސެންޓު މީހުން ވެސް އުޅެނީ ވަޒީފާތަކުގަ އެވެ.