މީގެ 37 އަހަރު ފަހުން 2062 ވަނަ އަހަރު އަންނައިރު، ވެރިރަށް މާލެ ފިޔަވާ އެހެން ރަށްރަށުގައި ދިވެހިންނަށް ވުރެ ގިނައިން ދިރިއުޅޭނީ ބިދޭސީން ކަމަށް ރާއްޖޭގެ އާބާދީގެ އަންދާޒާ ރިޕޯޓަކުން ދައްކައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އިއްޔެ އާންމުކުރި "މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން 2022-2062"ގެ ރިޕޯޓުގައިވާ ގޮތުގައި، 2062 ވަނަ އަހަރު އަންނައިރު ރަށްރަށުގައި ދިރިއުޅޭ ދިވެހިން މާލެ ސަރަހައްދަށް ހިޖުރަކުރާ މިންވަރު އިތުރުވުމުން ރަށްރަށުގައި ބިދޭސީންގެ އަދަދު އިތުރުވާނެ އެވެ.
އެ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި މިހާރު ވެސް އެންމެ ކުޑަ އާބާދީއެއް އޮތް ވ. އަތޮޅުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ 2062 ވަނަ އަހަރު ބިދޭސީންނަށް ވާނެ އެވެ. އަދި މާލެ ފިޔަވާ އެންމެ ގިނަ މީހުން މިހާރު ދިރިއުޅޭ އައްޑޫގެ އާބާދީގެ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކު ވާނީ ބިދޭސީއަކަށެވެ.
އެ އަހަރު އަންނައިރު، ދިވެހިންގެ އާބާދީގެ 59 ޕަސެންޓް ދިރިއުޅޭނީ މާލެ ސަރަހައްދުގައި ކަމަށް ވެސް އެ ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ. މިހާރު ވެސް ރާއްޖޭގެ އާބާދީގެ 41 ޕަސެންޓު މީހުން ދިރިއުޅެނީ މާލެ ސަރަހައްދުގަ އެވެ.
ގިނަ މީހުން މާލެއަށް ހިޖުރަކުރުމުގެ ސަބަބުން ރަށްރަށުގެ އާބާދީ ދަށަށް ދާއިރު، މާލެ ފިޔަވައި އެންމެ ގިނަ މީހުން 2062 ގައި ދިރިއުޅޭނީ ހދ. އަތޮޅާއި ކ. އަތޮޅު އަދި އައްޑޫގައި ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ.
ކޮންމެ ފަސް މީހެއްގެ ތެރެއިން ދެ މީހަކީ ބިދޭސީއެއް
މުސްތަގުބަލުގައި ބިދޭސީންގެ އާބާދީ 39 ޕަސެންޓަށް އިތުރުވެ، 2062 ވަނަ އަހަރު އަންނައިރު ކޮންމެ ފަސް މީހެއްގެ ތެރެއިން ދެ މީހަކު ވާނީ ބިދޭސީއަކަށް ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އާބާދީގެ އަންދާޒާ ރިޕޯޓުގައިވާ ގޮތުގައި، 2062 ވަނަ އަހަރު ރާއްޖޭގައި ދިރިއުޅޭ އާބާދީ 600،000 އަށް ވުރެ މައްޗަށް ދާނެ އެވެ. އޭގެ ތެރެއިން 61 ޕަސެންޓަކީ ދިވެހިން އަދި 39 ޕަސެންޓަކީ ބިދޭސީންނެވެ.
ރާއްޖޭގެ މަސައްކަތު އާބާދީގައި ބިދޭސީން މިހާރު ވެސް ގިނައިރު، 2062 ގައި އެ އަދަދު އަދި މާ ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ.
މަސައްކަތު އާބާދީގެ އުމުރުފުރާގެ ތެރެއިން 25-29 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންނަށް ވުރެ އިތުރަށް 40،000 ބިދޭސީން ތިބޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އެންމެފަހުގެ ބޯހިމެނުން ދައްކާ ގޮތުގައި، އެ އަދަދު މިހާރު ހުރީ 17،000 ގަ އެވެ. އެހެންވެ، އެއީ ދެގުނައަށް ވުރެ ވެސް ބޮޑު އަދަދެކެވެ.
2052 އިން ފެށިގެން "ސުޕަ އޭޖްޑް" ގައުމަކަށް
ރާއްޖޭގައި ވިހާ ކުދިންގެ އަދަދު މަދުވެ، 2052 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެ "ސުޕަ އޭޖްޑް" ގައުމަކަށް ވާނެ ކަމަށް އެ ރިޕޯޓުގައި އަންދާޒާކޮށްފައިވެ އެވެ. އޭރުން ކޮންމެ ހަތަރު ދިވެއްސެއްގެ ތެރެއިން އެކަކު ވާނީ އުމުރުން ދުވަސްވީ މީހަކަށެވެ.
އެންމެފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި، މިހާރު ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީއަކީ 20،000 އެވެ. އެކަމަކު، އެ ރިޕޯޓުގައި ބުނި ގޮތުގައި، 2062 ވަނަ އަހަރު އުމުރުން ދުވަސްވީ މީހުންގެ އާބާދީ 120،000 އަށް ވުރެ މައްޗަށް ދާނެ އެވެ. އަދި އޭގެ ތެރޭގައި ގިނަވާނީ 80 އަހަރުން މަތީގެ މީހުންނެވެ.
މަސައްކަތްކުރާ އުމުރުފުރާ، 2045 ވަނަ އަހަރުން ފެށިގެން ބޮޑަށް ބަރޯސާ ވާނީ ވެސް އުމުރުން ދުވަސްވީ މީހުންނަށް ކަމަށް އެ ރިޕޯޓުގައިވެ އެވެ.
"ސުޕަ އޭޖްޑް" އާބާދީއަކަށް ތައްޔާރުވުމަށް ކުރަންޖެހޭ ކަންކަން
• ދެމެހެއްޓެނިވި ސިއްހީ، ޕެންޝަން އަދި އުމުރުން ދުވަސްވީ މީހުންނަށް އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭނެ ފަސޭހަ ނިޒާމުތަކެއް ގާއިމްކުރުން.
• އިންސާނީ ރައުސްމާލު ބިނާކުރުން.
• ގައުމު ތަރައްގީކުރުމުގައި ނުވަތަ ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީ އަދި އެހެނިހެން ހިދުމަތްތައް ދިނުމުގައި މާލެ އާއި ރަށްރަށަށް ތަފާތުނުކޮށް އެއްހަމަކުރުން.
• ސިޔާސަތުތައް ކަނޑައެޅުމުގައި ބިދޭސީންނަށް ބަރޯސާވުން ކުޑަކޮށް ދިވެހިން ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވުމަށް ބާރުއެޅުން.