ހޫނު މޫސުމުގައި ކަރަންޓު ބިލަށް އަރާ މިންވަރު ކުޑަކުރަން "ސޭވް އެނާޖީ" ގެ ނަމުގައި ސްޓެލްކޯއިން ކެމްޕޭނެއް ފަށައިފި އެވެ.

ކޮންމެ އަހަރެއްގެ ވެސް މާޗުން ޖުލައި މަހާ ހަމައަށް އަންނަ ހޫނު މޫސުމުގައި ރާއްޖޭގެ ގިނަ ގެތަކުގެ ކަރަންޓު ބިލް ބޮޑުވެ އެވެ. ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެގެން ބިލް ބޮޑުވިޔަސް އާންމުންގެ ފާޑުކިއުން ސްޓެލްކޯ އަށް ވެސް އަމާޒުވެ އެވެ.

ސްޓެލްކޯއިން ބުނީ މި ދުވަސްވަރު ކަރަންޓް ބިލް ކުޑަކުރެވޭނެ ގޮތްތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން، ޖުލައި މަހާ ހަމައަށް އެ ކުންފުނިން ޓީވީ އިންޓަވިއުތަކާއި ސްކޫލްތަކުގައި މައުލޫމާތު ދިނުމާއި ހޭލުންތެރިކުރުމުގެ ވީޑިއޯތަކާއި ޕެނަލް ޑިސްކަޝަންތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ކެމްޕޭންގެ ތެރޭގައި އާއްމުންގެ ފަރާތުން ލިބޭ ޝަކުވާތަކަށް ވެސް ސްޓެލްކޯއިން ޖަވާބުދާރީ ވާނެ އެވެ.

ސްޓެލްކޯއިން ބެލިބެލުމުން އެނގުނީ، އެ ކުންފުނިން ބުނި ގޮތުގައި، މިދިއަ ހަ އަހަރު ދުވަހު މާޗުން ފެށިގެން ޖުލައި މަހާ ހަމައަށް ހޫނު ގަދަވުމާ އެކު ކަރަންޓް ބިލު ބޮޑުވާ ކަމެވެ. އެހެންކަމުން މި ކެމްޕޭނަކީ އެ ދުވަސްވަރުގެ ކަރަންޓް ބިލް ކުޑަކުރަން ކަސްޓަމަރުންނަށް އެއްބާރުލުން ދޭން ފެށި ހަރަކާތެއް ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ހޫނު މޫސުމުގައި ކަރަންޓް ބޭނުން ކުރެވޭ މިންވަރު މައްޗަށް ދާކަން ގިނަ މީހުންނަށް ނޭނގޭ ކަމަށެވެ. އެ ކުންފުނިން ބޭނުންވަނީ ބޭކާރު ގޮތުގައި ހަރަދުވާ ކަރަންޓްގެ މިންވަރު މަދުކޮށް އެކަމަށް ކަސްޓަމަރުން ހޭލުންތެރިކުރުވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ މީހުން ބުނޭ ތިމަންނާމެން އަބަދުވެސް ބޭނުން ކުރާ އެޕްލައަންސޭ ބޭނުން ކުރަނީ. އެކަމަކު ވެސް ބިލު ބޮޑުވަނީއޭ،" މުޣުނީ ވިދާޅުވި އެވެ.

"އެކަމަކު މޫސުމަށް އަންނަ ބަދަލާ އެކު އެފަދަ ތަކެތި މަސައްކަތް ކުރާ ގޮތަށް ބަދަލު އެބަ އާދޭ. މީގެ ސަބަބުން އެއިން ކަރަންޓް ބޭނުން ކުރާ ވަރު އިތުރު އެބަ ވޭ. މި ކަންތައްތަކަށް މީހުން ހޭލުންތެރިކުރުވަން އަޅުގަނޑުމެން ބޭނުންވަނީ."

ސްޓެލްކޯގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު އަލީ މުޖުތަބާ މުހައްމަދު ވިދާޅުވި ގޮތުގައި ކަސްޓަމަރުންނާ ގުޅިގެން ސްޓެލްކޯ އިން ކުރާ މަސައްކަތުން ހައްލު ފެނިދާނެ އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މިފަހަރު ޕްރޮއެކްޓިވްލީ ކަސްޓަމަރުންނަށް މިވާ ގޮތް ކިޔައިދީ ކަސްޓަމަރުންގެ ފަރާތުން ކޮން ކަހަލަ ބަދަލުތަކެއް ގެނެސްގެންތޯ ހައްލުވާނީ ބުނެދޭން،" މުޖުތަބާ ވިދާޅުވި އެވެ.

ސްޓެލްކޯއިން މިދިޔަ އަހަރު ވެސް މި ކެމްޕޭން ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް މި އަހަރުގެ ކެމްޕޭން މިދިޔަ އަހަރާ ތަފާތު ވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. މިދިޔަ އަހަރުގެ ކެމްޕޭނަށް ވެސް އާއްމުންގެ ފަރާތުން ލިބުނު ތަރުހީބު ބޮޑުކަން ސްޓެލްކޯ އިން ފާހަގަކުރި އެވެ.