ގަލް ގެޑޯ.
06 ނޮވެމްބަރ 2021 - 07:24
ޑިޒްނީން އިއުލާން ކޮށްފައިވާ "ސްނޯ ވައިޓް" ލައިވް-އެކްޝަން ފިލްމުގައި ސްނޯ ވައިޓްގެ ނުބައި ނުލަފާ ދޮންމަންމަގެ ރޯލު "ވޮންޑަ ވުމަން" ގެ ރޯލު ކުޅޭ ގަލް ގެޑޯ އަށް ހުށަހަޅައިފި އެވެ.
ޑެޑްލައިނުން ބުނި ގޮތުގައި ދާދި ފަހުން ތިން ވަނަ ދަރިޔަކު ވެސް ލިބުނު އިޒްރޭލަށް އުފަން 36 އަހަރުގެ ބަތަލާއާ އެކު މިކަމާ ބެހޭގޮތުން މިހާރު އަންނަނީ މަޝްވަރާތައް ކުރަމުންނެވެ. އަދި ހުރިހާ ކަމެއް ފައިނަލްވުމުން "ސްނޯ ވައިޓް" ގެ ޓީމުން އެކަން އިއުލާން ކުރާނެ އެވެ.
"ވޮންޑަ ވުމަން" ފްރެންޗައިޒްގެ ދެ ފިލްމަށް ފަހު އޭގެ ތިން ވަނަ ބައިން ވެސް ފެންނާނެ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ ހުކުރު ދުވަހު ސިނަމާތަކުގައި ރިލީޒް ކުރުމަށް ފަހު، މި މަހުގެ 12 ގައި ނެޓްފްލިންސް އިން ޕްރީމިއާ ކުރަން ހަމަޖެހިފައިވާ އެކްޝަން ކޮމެޑީ "ރެޑް ނޯޓިސް" އެވެ. ގަލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑެތު އޮން ދަ ނައިލް" އާއި "ކްލިއޮޕަޓްރާ" ހިމެނެ އެވެ.
ޑިޒްނީން އަސްލު އެކްޓަރުންނާ އެކު ހަދަން ނިންމާފައިވާ "ސްނޯ ވައިޓް އެންޑް ދަ ސެވެން ޑްވާފްސް" ގައި ސްނޯ ވައިޓްގެ ރޯލު ކުޅޭނީ ރެޗަލް ޒެގްލާ، 20، އެވެ. އޭނާ އަންނަ މަހުގެ 10 ގައި ރިލީޒްކުރާ މަޝްހޫރު ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގްގެ "ވެސްޓް ސައިޓް ސްޓޯރީ" އިން ތައާރަފުކުރާ ބަތަލާ އެވެ.
"ސްނޯ ވައިޓް" ޑައިރެކްޓް ކުރާނީ 2009 ގެ "500 ޑޭޒް އޮފް ސަމާ" އާއި 2012 ގެ "ދި އެމޭޒިން ސްޕައިޑަ-މޭން" ގެނެސްދިން މާކް ވެބް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy