އަނުޝްކާ.
02 ޖެނުއަރީ 2022 - 06:45
މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރިން ރިލީޒްކުރި "ޒީރޯ" ގެ ފަހުން އެކްޓިންއާ ދުރުގައި ހުރި ބޮލީވުޑްގެ ބަަތަލާ އަނުޝްކާ ޝަރުމާ މިހާރު ތިން ފިލްމަކަށް ސޮއިކޮށްފައި ވާތީ އެކަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އިންޑިއާގެ ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން ސޮއިކުރި ތިން ފިލްމުގެ ތެރެއިން ދެ ފިލްމަކީ ސިނަމާތަކަށް ގެންނާނެ ފިލްމެވެ. އަދި އަނެއް ޕްރޮޖެކްޓަކީ ޑިޖިޓަލް ޕްލެޓްފޯމަކަށް ހަދާ އެއްޗެކެވެ. ނަމަވެސް މި ފިލްމުތަކާ ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މިދިޔަ އަހަރު ދަރިޔަކު ވެސް ލިބުނު ބަތަލާ އެނބުރި އެކްޓިން އަށް އަންނަ ތިން ފިލްމަކީ ބޮޑު ބަޖެޓްތަކުން ހަދާނެ ވަރަށް ވެސް ހާއްސަ އެއްޗިއްސެވެ. އަދި މި އެއްޗެހީގައި އަނުޝްކާ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ބައިވެރިވާނެ އެވެ.
އޭނަ އާއި ކޮއްކޮ ކަރްނޭޝް ޝަރުމާގެ ކްލީން ސްލޭޓް ފިލްމްސް އިން މިހާރު ވެސް އަންނަނީ ނެޓްފްލިކްސް އަށް "ގަލާ" ކިޔާ ފިލްމެއް ހަދަމުންނެވެ. އެއީ ކުރީގެ އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ޚާން ލޯންޗްކުރާ ފިލްމެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަނުޝްކާ ކުޅޭނެ ކަމަށް މި ފަހުން އަޑުއެރި ފިލްމަކީ އިންޑިއާގެ ކްރިކެޓް ތަރި ޖޫލާން ގޮސްވާމީގެ ބައޮގްރަފިކަލް ޑްރާމާ އެވެ. އެކަމަކު އޭނާ އެ ނުކުޅެ، ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ އިރު، ފިލްމުގެ ބަތަލާ އަކީ "ގަލާ" އަށް ވެސް ނެގި ޓްރިޕްތީ ދިމްރީ އެވެ.
އަނުޝްކާ އެކްޓިން އަށް ނުކުތީ ޝާހްރުކް ޚާނާ އެކު 2008 ގެ "ރަބް ނެ ބަނާދީ ޖޯޅީ" އިންނެވެ. އޭގެ ފަހުން އޭނަ ކުޅުނު އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ޖަބް ތަކް ހެ ޖާން"، "ޕީކޫ" އަދި "އޭ ދިލް ހެ މުޝްކިލް" އާއި "އެންއެޗް 10" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy