އިންޑިއާގެ ގުޖުރާތަށް އުފަން ގަންގޫބާއީ ހަރްޖިވަންދާސް އަކީ ކުރިން އާދައިގެ ދިރިއުޅުމެއް އުޅުނު އަންހެނެކެވެ. އޭނާ އެންމެ ބޭނުންވީ ބޮލީވުޑްގެ ތަރިއަކަށް ވާށެވެ. އެ ހުވަފެން ހަގީގަތަކަށް ހަދަން، އޭނާގެ އުމުރުން އެންމެ 16 އަހަރުގެ، އާއިލާގެ ނުރުހުމުގައި އޭނާ ހިތާވެގެން އުޅުނު ލޯބިވެރިޔާއާ އެކު ފިލައިގެން ދިޔައީ އިންޑިއާގެ ފިލްމު ސިޓީ، މުމްބާއީ އަށެވެ.

ބޮލީވުޑުން މި މަހު ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ބަޔޮގްރެފިކަލް ފިލްމު "ގަންގޫބާއީ ކަތިއަވާޑި" ގަންގޫބާއީގެ ދިރިއުޅުން، ހީކުރި ގޮތާ ހިލާފަށް ބަދަލުވީ އޭގެ ފަހުންނެވެ.

ގަންގޫބާއީގެ ލޯބިވެރިޔާ، އެންމެ 500 ރުޕީސް އަށް، ހަށިވިއްކާ ބަޔަކަށް އޭނާ ވިއްކާލި އެވެ. ނާސިގެއްގައި އެތައް ބައެއްގެ އަނިޔާ ލިބެމުންދަނިކޮށް، އޭނާ ރޭޕް ކުރީ މުމްބާއީގެ މާފިއާ ޑޯންއެއް ކަމަށްވާ ކަރިމް ލާލުގެ ގޭންގުގެ މީހެކެވެ.

އެ ވާހަކަ ކަރިމް ލާލަށް އަންގާއި، އޭނާ އަށް އިންސާފު ހޯދައިދޭން އެދުމުން، ކަރިމް ލާލް ވަނީ ގަންގޫބާއީ އަށް އޭނާގެ ކޮއްކޮއެއްގެ ދަރަޖަ ދީ، ގުޖުރާތުގައި ހަށިވިއްކާ މީހުން އުޅޭ ހިސާބުގަނޑެއް ކަމަށްވާ ކަމަތިޕޫރާގެ "ރަނިކަން" ދީފަ އެވެ. އެއާ އެކު، އޭނާގެ ބާރު އެހިސާބުގަނޑުގައި ގަދަވެ، "މާފިއާ ކުއީން" އެއްގެ ލަގަބު ލިބުނެވެ.

އޭނާ ވަނީ ހަށިވިއްކާ މީހުންގެ ދިފާއުގައި ނިކުމެ، ސިޔާސީ މީހުންނާ ހަމަ އަށް ވެސް އެތައް މައްސަލައެއް ގެންގޮސްފަ އެވެ. އެ ހިސާބުގަނޑުގެ ބާރުވެރިކަން އޭނާ އަށް ލިބުނު ފަހުން، އެއްވެސް ނާސިގެއްގައި އެއްވެސް އަންހެނެއްގެ ނުރުހުމުގައި ކަމެއް ހިނގިޔަކަ ނުދެ އެވެ.

ގަންގޫބާއީގެ ރޯލު އާލިއާ ބަޓާ ހަވާލުކޮށްގެން، ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދާފައިވާ ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އެ ހާދިސާތަކުގެ މައްޗަށެވެ. މި ފިލްމުގެ ޓްރެއިލާ ވެސް އިއްޔެ ނެރެފައިވާ އިރު، އެއަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.

މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށަނީ ފެބްރުއަރީ، 25 ގަ އެވެ.