"ޖުރެސިކް ވޯލްޑް"ގެ ތިންވަނަ ފިލްމު "ޑޮމިނިއަން" ގެ މަންޒަރެއް.
13 ޖޫން 2022 - 07:17
މިހާތަނަށް ނެރުނު އެންމެ ބޮޑެތި ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "ޖުރެސިކް ވޯލްޑް"ގެ ތިންވަނަ ފިލްމު "ޑޮމިނިއަން" އަށް ގޯސް ރިވިއުތައް ލިބުނު ނަމަވެސް ރަނގަޅު އާމްދަނީއެއް ލިބިއްޖެ އެވެ.
ޖުރެސިކް ވޯލްޑް ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު ޑޮމިނިއަން އެޅުވީ ވަރަށް ގިނަ އުއްމީދުތަކާ އެކުގަ އެވެ. މިދިޔަ ހަފުތާ ބަންދުގައި އެ ފިލްމު އަޅުވަން ފަށާފައިވާއިރު، ފިލްމަށް ވަނީ ގިނަ އަދަދެއްގެ ގޯސް ރިވިއުތަކެއް ލިބިފަ އެވެ.
ރޮޓެން ޓޮމާޓޯސްގައި ކްރިޓީކުންގެ ފަރާތުން އެ ފިލްމަށް ލިބިފައި ވަނީ އެންމެ 30 ޕަސެންޓެވެ.
ނަމަވެސް އެ ފިލްމު އަންނަނީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދަމުންނެވެ. މިދިޔަ ހަފުތާ ބަންދުގައި އެކަނި ވެސް އެ ފިލްމު ވަނީ 386 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ. އެއީ އެމެރިކާ އިން 175 މިލިއަން ޑޮލަރާއި ދުނިޔޭގެ އެހެން ގައުމުތަކުން 244 މިލިއަން ޑޮލަރެވެ.
އެ އަދަދަކީ ޗައިނާގެ ގިނަ ސްކްރީންތަކުގައި ފިލްމު ނުދައްކާ ހޯދާފައިވާ އާމްދަނީ އެވެ. ޑޮމިނިއަންގެ އޯޕެނިން އަށް ލިބުނު އާމްދަނީ އަކީ ފްރެންޗައިޒްގެ އެހެން ފިލްމުތަކާ އެއް މިނެއްގައިވާ އާމްދަނީއެކެވެ. އެހެންވީމާ، ބޮކްސް އޮފީހުގައި ފިލްމަށް ބިރެއް އަދި ނެތެވެ.
އެ ފިލްމުގައި ލީޑް ރޯލު ކުޅެނީ ކްރިސް ޕްރެޓް އާއި ބްރައިސް ޑެލަސް އަދި ލޯރާ ޑާންގެ އިތުރުން ޖެފް ގޯލްޑްބްލުމް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy