ހޮލީވުޑްގެ ތަރި ޓޮމް ކުރޫޒްގެ އާ ފިލްމު "ޑިގާ" ރިލީޒްކުރި ފުރަތަމަ ހަފުތާ ބަންދުގައި ބޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އޮސްކާ އެވޯޑް ހޯދާފައިވާ ޑައިރެކްޓަރު އަލެހާންޑްރޯ ޖީ އިނާރިތޫ ޑައިރެކްޓްކުރި މި ފިލްމަށް އެމެރިކާގެ ބޮކްސް އޮފީހުގައި ފުރަތަމަ ހަފުތާ ބަންދުގައި ލިބިފައި ވަނީ އެންމެ 8 މިލިއަން ޑޮލަރެވެ.
މި ފިލްމު އުފެއްދުމަށާއި އިޝްތިހާރުކުރުމަށް ޖުމްލަ 260 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، މުޅި ދުނިޔެއިން ވެސް ފުރަތަމަ ހަފުތާގައި ލިބުނީ 20 މިލިއަން ޑޮލަރެވެ.
މިއީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ކުރޫޒްގެ ފިލްމަކަށް ބޮކްސް އޮފީހުގައި ލިބުނު އެންމެ ދަށް އާމްދަނީ އެވެ. އަދި މިއީ މި އަހަރުގެ ކުރީކޮޅު ނެރުނު، އެމެރިކާގެ ފަސްޓް ލޭޑީ މެލާނިއާ ޓްރަންޕްގެ ޑޮކިއުމަންޓަރީ ފިލްމަށް ލިބުނު އާމްދަނީއަށް ވުރެ ވެސް ދަށް އަދަދެކެވެ.
"ޑިގާ" އަކީ ތެޔޮ ނަގާ ކުންފުންޏެއްގެ ވެރިއެއްގެ ރޯލުން ކުރޫޒް ފެންނަ ޑާކް ކޮމެޑީ ފިލްމެކެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއެއް ލިބުނު ނަމަވެސް، ކްރިޓިކުންގެ ފަރާތުން ފިލްމަށް ވަނީ ތައުރީފު ލިބިފަ އެވެ.
ޚަބަރުތައް ބުނާ ގޮތުން، މި ފިލްމަކީ އޮސްކާ އެވޯޑެއް ހޯދުމުގެ އުއްމީދުގައި ކުރޫޒް ކުރި މަސައްކަތަކަށް ވާތީ، ފިލްމަށް ލިބުނު ނާކާމިޔާބީއާ މެދު އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.