ކްރިސްޓޯފާ ނޯލަން ޑައިރެކްޓްކޮށް، ހޯމާގެ ގްރީކް އެޕިކް ޅެމަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ދަ އޮޑިސީ" ސިނަމާތަކުގައި ދައްކަން ފެށިތާ ތިން ހަފުތާ ތެރޭގައި ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފި އެވެ.
މިއީ މި އަހަރު އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފަސްވަނަ ފިލްމެވެ.
މިދިޔަ މަހު 17 ގައި ރިލީޒްކުރި މި ފިލްމަށް މި ބޮޑު ކާމިޔާބީ ލިބިފައި ވަނީ އެމެރިކާގެ ތާރީހުގައި ވެސް އެންމެ ބޮޑު އޯޕަނިންއެއް ހޯދި "ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ" ސިނަމާތަކަށް އައިސް، ބޮޑު ވާދަވެރިކަމަކާ ކުރިމަތިލާން ޖެހިފައި ވަނިކޮށެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ސިނަމާތަކުގައި ދައްކަމުން އަންނަތާ ތިން ހަފުތާ ވެފައިވާއިރު "ދަ އޮޑިސީ" ވަނީ އުތުރު އެމެރިކާއިން 429.6 މިލިއަން ޑޮލަރު އަދި އެހެން ގައުމުތަކުން 578.8 މިލިއަން ޑޮލަރު ހޯދައި، ޖުމްލަ 1.009 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ.
މި އާމްދަނީއާ އެކު މި ފިލްމު ވަނީ 2008 ވަނަ އަހަރު ނުކުތް ނޯލަންގެ މަޝްހޫރު ފިލްމު "ދަ ޑާކް ނައިޓް" (1.008 ބިލިއަން ޑޮލަރު)ގެ ޖުމްލަ އާމްދަނީ ފަހަތަށް ޖައްސާލައިފަ އެވެ. އަދި ނޯލަންގެ އެންމެ އާމްދަނީ ބޮޑު ފިލްމު ކަމަށްވާ "ދަ ޑާކް ނައިޓް ރައިސެސް" (1.081 ބިލިއަން ޑޮލަރު)ގެ ރެކޯޑު މުގުރާލުމަށް "ދަ އޮޑިސީ" އަށް މިހާރު ބޭނުންވަނީ އެންމެ 73 މިލިއަން ޑޮލަރެވެ. ރިޕޯޓްތައް ބުނި ގޮތުގައި، ހަތަރުވަނަ ހަފުތާ ބަންދު ނިމޭއިރު އެ ރެކޯޑް ވެސް މުގުރާލާނެ އެވެ.
"ދަ އޮޑިސީ"އަށް ފުރަތަމަ ހަފުތާގައި އެކަނިވެސް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނުއިރު، "ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ" ރިލީޒްކުރިއިރު "ދަ އޮޑިސީ" އޮތީ 800 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފަ އެވެ. ނަމަވެސް، ސްޕައިޑަމޭން ފިލްމުން ފުރަތަމަ ހަފުތާގައި 1.2 ބިލިއަން ޑޮލަރު ހޯދައި، ގިނަ ތިއޭޓަރުތަކެއް އަތުލުމުން "ދަ އޮޑިސީ"ގެ ވިޔަފާރިއަށް ބުރޫއެރި އެވެ.
"ދަ އޮޑިސީ"އަށް އުތުރު އެމެރިކާގައި ދެވަނަ ހަފުތާގައި 90 މިލިއަން ޑޮލަރު ލިބުނު ނަމަވެސް، ތިންވަނަ ހަފުތާގައި ލިބުނީ 51 މިލިއަން ޑޮލަރެވެ. ނަމަވެސް، އައިމެކްސް ސްކްރީންތަކުގައި ފިލްމަށް އޮތް ތަރުހީބު ބޮޑުވުމުގެ ސަބަބުން ފިލްމުގެ ވިޔަފާރި ވަނީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.
ހޯމާގެ އެޕިކް ޅެމެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ "ދަ އޮޑިސީ" އަކީ ޓްރޯޖަން ހަނގުރާމައަށް ފަހު އިތާކާގެ ރަސްގެފާނު އޮޑިސިއަސް (މެޓް ޑޭމަން) އެނބުރި ގައުމަށް ދިއުމަށް ކުރާ 10 އަހަރުގެ ބިރުވެރި ދަތުރުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި އޮޑިސިއަސްގެ އަންހެނުން ޕެނެލޯޕީގެ ރޯލުން އޭން ހެތަވޭ އަދި ދަރިފަޅު ޓެލެމާކަސްގެ ރޯލުން ޓޮމް ހޮލަންޑް ފެންނައިރު، ރޮބަޓް ޕެޓިންސަން، ޗާލީޒް ތެރަން، ލުޕީޓާ ނިޔޯންގް، ސަމެންތާ މޯޓަން އަދި ޒެންޑާޔާ ވެސް މުހިންމު ރޯލުތައް ކުޅެފައިވެ އެވެ.
ކްރިޓިކުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ މި ފިލްމުގެ ޕްރެކްޓިކަލް އިފެކްޓްސް އާއި މަންޒަރުތައް ފުރިހަމަ ކަމަށް ބުނެ ވަރަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ. ހާއްސަކޮށް ޕެޓިންސަން އާއި މޯޓަންގެ އެކްޓިންއަށް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، ކުރިއަށް އޮތް އޮސްކާ އެވޯޑްގައި މި ފިލްމު ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ވެސް ބެލެވެ އެވެ.