ސުޕަސްޓާރު ޝާހްރުކް ޚާންގެ ދޮށީ ދެ ދަރިން ކަމަށްވާ އަރްޔަން ހާން އާއި ސުހާނާ ހާން އަދި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް.
08 މެއި 2025 - 06:41
ސުޕަސްޓާރު ޝާހްރުކް ޚާންގެ ދޮށީ ދެ ދަރިންނަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ވަރަށް ތައުރީފުކޮށްފި އެވެ.
އިންޑިއާގެ ސޯޝަލް މީޑިއާ އިންފްލުއެންސާ ރާޖް ޝަމާނީގެ ޕޮޑްކާސްޓަށް އިއްޔެ ދިން އިންޓަވިއުއެއްގައި ކަރަން ބުނީ ސުހާނާ އަކީ ވަރަށް ހުނަރުވެރި ކުއްޖެއް ކަމަށެވެ. އަދި ޝާހުގެ ދޮށީ ދަރިފުޅު އަރްޔަން ދުވާލަކު 20 ގަޑިއިރު މަސައްކަތުގައި ހޭދަކުރާ ކަމަށް ވެސް ކަރަން ބުންޏެވެ.
"މީހުން އޭނާ (ސުހާނާ) 'ދަ ކިންގް'ގައި އޭނާގެ ބައްޕައާ އެކުގައި ދެކޭއިރު... މީހުންނަށް އިހުސާސްކުރެވޭނެ އޭނާއަކީ ވަރަށް ހުނަރުވެރި ކުއްޖެއްކަން. އޭނާއަކީ ވަރަށް ކުރިއަރާނެ ކުއްޖެއް. މިހެން މި ބުނަނީ އޭނާއަކީ އަހަރެންގެ ދަރިއެއް ކަހަލަ ކުއްޖަކަށް ވާތީއެއް ނޫން، މިހެން މި ބުނަނީ ސުހާނާގެ ކިބައިގައި ވަރުގަދަ އާޓިސްޓެއްގެ ސިފަތައް ހުރި ކަމަށް އަހަރެން ގަބޫލުކުރާތީ،" ކަރަން ބުންޏެވެ.
"ދަ ކިންގް" އަކީ ސުހާނާ އޭނާގެ ބައްޕަ، ޝާހުއާ އެކުގައި މިހާރު ކުޅެމުން އަންނަ ފިލްމެކެވެ. ސުހާނާގެ ފުރަތަމަ ފިލްމު "ދި އާޗީސް" މިދިޔަ އަހަރު ގެނެސްދިންއިރު، އެ ފިލްމުގައި އޭނާ ދެއްކި އެކްޓިން އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ސުހާނާއަށް އެކްޓުކުރަން ނޭނގޭ ކަމަށް ބުނެ މީހުން ވަރަށް އެއްޗެހި ކިޔެވެ.
އަރްޔަންގެ ވާހަކަ ދައްކަމުން ކަރަން ބުނީ އަރްޔަން ޑައިރެކްޓުކުރާ ފުރަތަމަ ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"އަކީ ވަރަށް ކާމިޔާބު މަސައްކަތަކަށް ވާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.
"އަރްޔަންގެ ނެޓްފްލިކްސް ޝޯއާ ބެހޭ ގޮތުން އަހަރެން އެއްޗެއް ބުނާކަށް ބޭނުމެއް ނޫން، އެއީ އޭނާ ވަރަށް ރުޅި އަންނާނެތީ. އެކަމަކު އަހަރެން ބުނާނީ މިހެން؛ ބަލަން ތިބޭށޭ، ކިންގެއް އުޅޭ ނަމަ، ޕްރިންސެއް ވެސް އުޅޭނެޔޭ. މިހެން އަހަންނަށް ޔަގީންކަމާ އެކުގައި ބުނެވިދާނެ، އެއީ އަހަރެން އެ ޝޯ ބަލާފައި ވާތީ. އޭނާއަކީ ފާހަގަކޮށްލެވޭ ޑައިރެކްޓަރަކަށް ވާނެ،" ކަރަން ބުންޏެވެ.
ކަރަން ބުނީ އަރްޔަންއަކީ ޝާހުގެ ދަރިއެއްގެ ކިބައިގައި ހުރެދާނެ ކަމަށް ޝާހުގެ ފޭނުން ގަބޫލުކުރާ ސިފަތަކެއް ހުރި ކުއްޖެއް ނޫން ކަމަށެވެ. އަރްޔަންއަކީ "ވަކި ހާއްސަ ޝަހުސިއްޔަތެއް" ކަމަށް ކަރަން ބުންޏެވެ.
"އަރްޔަން ވަރަށް ބުރަކޮށް މަސައްކަތް ކުރޭ؛ ދުވާލަކު 20 ގަޑިއިރު މަސައްކަތުގައި އުޅޭ. އޭނާއަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަހަލަ މީހެއް،" ކަރަން ބުންޏެވެ.
ކަރަންއަކީ ބޮލީވުޑްގެ ވަރަށް ގިނަ ތަރިންގެ ދަރިން ފިލްމީ ދާއިރާއަށް ތައާރަފުކޮށްދިން ޑައިރެކްޓަރެކެވެ. އޭނާގެ ޕްރޮޑިއުސްކުރި ވަރަށް ގިނަ ފިލްމުތަކުން ވެސް ތަރިންގެ ދަރިންނަށް ފިލްމީ ދާއިރާއަށް ތައާރަފުވުމުގެ ފުރުސަތު ދީފައިވެ އެވެ. އޭގެ ތެރެއިން ބައެއް ކުދިންނަކީ މިހާރު ބޮލީވުޑްގައި އެންމެ މަޝްހޫރު ތަރިން ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމްރި
08 May 2025
ކަރަން ބޮލީވުޑް ނެޕޯ ކިޑްސްގެ ބައްޕަ.
ފެކްޓް
08 May 2025
ކުދިން ދުނިޔެެއަށް ފޮނުއްވަނީ ފިތުރަތުގެ ސާފު މަގުގައެވެ. އެކުދިން ނަސާރާއަކަށްވެސް، މަޖޫސީއަކަށްވެސް ހަދަނީ އެކުދިންގެ މައިންބަފައިން (ބެލެނިވެރި ފަރާތުން) ނެވެ.