ބޮލީވުޑްގެ އެކްޓްރެސް ތުރިޕްތީ ދިމްރީ.
25 މެއި 2025 - 06:05
އިންޑިއާގެ ޑައިރެކްޓަރު ސަންދީޕް ރެއްޑީ ވަންގާ އާ ފިލްމު "ސްޕިރިޓް"ގެ ލީޑު އެކްޓްރެސްގެ ރޯލަށް ދީޕިކާ ޕަޑުކޯންގެ ބަދަލުގައި ތުރިޕްތީ ދިމްރީ ހަމަޖައްސައިފި އެވެ.
"ސްޕިރިޓް"ގެ ލީޑު އެކްޓްރެސްގެ ރޯލު ކުޅޭނީ ތުރިޕްތީކަން ސަންތީޕް މިހާރު ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ރޯލު ދީޕިކާއަށް ނުދޭން ނިންމީ ދީޕިކާގެ ފަރާތުން ކުރި ޑިމާންޑުތައް މާ ބޮޑުވުމުގެ ސަބަބުން ފިލްމުގެ އުފެއްދުންތެރިންނާ އެކު ހިނގި ދެބަސްވުންތަކަކަށް ފަހުގަ އެވެ. އެ ދެބަސްވުންތައް ހިނގީ ފިލްމު ޝޫޓިންއާ ގުޅޭ ކަންތައްތަކެއްގައި ކަމަށާއި ފިލްމުގެ ޝޫޓިން 100 ދުވަހަށް ވުރެ އިތުރު ވެއްޖެ ނަމަ، އޭނާއަށް ދޭން އެއްބަސްވި މުސާރައިގެ ދެގުނަ އިތުރަށް ދޭން ޑިމާންޑް ކުރި ކަމަށް ވެސް ބައެއް ނޫސްތަކުގައި ބުންޏެވެ.
ތުރިޕްތީއަކީ ސަންދީޕް އެންމެފަހުން ގެނެސްދިން ބޮލީވުޑްގެ ކާމިޔާބު ފިލްމު "އެނިމަލް"ގައި ވެސް މުހިންމު ރޯލެއް ކުޅުނު ތަރިއެކެވެ. "އެނިމަލް"ގެ ދެވަނަ ބައެއްގެ މަސައްކަތް ވެސް ސަންތީޕް އަންނަނީ ކުރަމުންނެވެ.
"ސްޕްރިޓް"ގެ ލީޑު އެކްޓަރުގެ ރޯލަށް ނަގާފައި ވަނީ ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް އެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކަރީނާ ކަޕޫރް ހާން އާއި ސައިފް އަލީ ހާން ވެސް އެ ފިލްމުގެ ކާސްޓަށް ނަގާފައިވާ ކަމަށާއި، އަދި އެ ދެ ތަރިން ކުޅޭނީ ނެގެޓިވް ރޯލެއް ކަމަށް ވެސް ކުރިން ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އެ ފިލްމު ޕްރޮޑިއުސްކުރަނީ ޓީ-ސީރީޒްގެ ފަރާތުން ބުޝަން ކުމާރެވެ.
"ސްޕިރިޓް"ގެ ޕްރޮޑަކްޝަންތައް މަސައްކަތްތައް މި އަހަރު ފަށައި، ސިނަމާއަށް ގެންނާނީ އަންނަ އަހަރު އެވެ.
ސަންދީޕަކީ ވަރަށް މަޝްހޫރުވި ފިލްމެއް ކަމަށްވާ، ޝާހިދު ކަޕޫރް ލީޑު ރޯލު ކުޅުނު "ކަބީރް ސިންގް" ވެސް ޑައިރެކްޓަރެވެ.
އޭނާ ޑައިރެކްޓުރި "އެނިމަލް" އަކީ 2023 ވަނަ އަހަރު ގެނެސްދިން އެންމެ ކާމިޔާބު ހިންދީ ފިލްމުތަކުގެ ތެރޭގައި ހިމެނުނު ފިލްމެކެވެ. އެ ފިލްމުގެ ދެވަނަ އަދި ތިންވަނަ ބައިގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ 2027 ވަނަ އަހަރު އެވެ. އަދި ސިނަމާއަށް ގެންނަނީ 2028 ގައި ކަމަށް ރިޕޯޓްތައް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުހަރީ
28 May 2025
ތުރިޕްތީ ތިޔުޅެނީ ޕުރިޔާންކާ އާއި ކުޅެންތަ؟ ނުކުޅެވޭނޭ!!. ޕުރިޔާންކާ އެޔީ ސީދާ ހޮލީވޫޑްގަވެސް މިހާރު އެންމެ މަގްބޫލް އެއް ތަރި. ތުރިފްތީ ހީކުރަނީ ބޮލީވޫޑް ގެ ފިލްމަކުން ސައިޑް ރޯލް ލިބުނީމާ ލައްކަ އެކޭ. ޕުރިޔާންކާ މެން އާއި ފައި ހަމަކޮށްލަން އަދި ނަގާނެ މަދުވެގެން 20 އަހަރު.