ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ އަންހެނުން ގޯރީގެ ޚާން.
17 ޖޫން 2025 - 09:29
ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ އަންހެނުން ގޯރީގެ ޚާން ހިންގާ ރެސްޓޯރެންޓުގައި އެ ދެމަފިރިންނާއި އެމީހުންގެ ދަރިންނަށް ހާއްސަ "ސިއްރު ދޮރެއް" ހުންނަ ކަމަށް އެތަނުގެ ހެޑް ޝެފް ބުނެފި އެވެ.
އިންޑިއާގެ މުމްބާއީގައި ހިންގާ، އޭޝިއާގެ ކެއުންތައް ލިބޭ "ޓޯރީ" ކިޔާ އެ ރެސްޓޯރެންޓުގެ ހެޑް ޝެފް ސްޓެފަން ގެޑިޓް "އިންޑިއަން އެކްސްޕްރެސް"އެ މުނިފޫހިފިލުވުމުގެ ޗެނަލް "ސްކްރީން"އަށް ދިން އިންޓަވިއުއެއްގައި ބުނީ އެތަނުގައި ޝާހު އާއި ގޯރީ އަދި އެމީހުންގެ ކުދިން ވަދެނުކުމެ ހެދުމަށް ހާއްސަ "ސިއްރު ދޮރެއް" ހުންނަ ކަމަށެވެ.
ޝާހުގެ އާއިލާގެ އިތުރުން ވަރަށް މަދު ސެލެބްރިޓީއަކަށް އެ ދޮރުން ވަދެނުކުތުމުގެ ފުރުސަތު ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
"ކޮންމެ ކޮންމެ މީހަކަށް އެ ސިއްރު ދޮރުން ވަދެނުކުމެ ނުހެދޭނެ؛ އެއީ ޝާހުގެ އާއިލާއަށް ހާއްސަ ދޮރެއް،" ސްޓެފަން ބުންޏެވެ.
ސްޓެފަން ބުނީ ޝާހުގެ އެންމެ ހަގު ދަރިފުޅު އަބްރަމް ވަރަށް ގިނައިން އެ ރެސްޓޯރެންޓުން ކާނާއަށް އޯޑަރު ކުރާ ކަމަށެވެ. ޝާހުގެ ދޮށީ ދަރިފުޅު އަރްޔަން ޚާން އާއި ދެން ހުންނަ ދަރިފުޅު ސުހާނާ ޚާން އެމީހުންގެ ރަށްޓެހިންނާ އެކު ވެސް ވަރަށް ގިނައިން އެ ރެސްޓޯރެންޓަށް ދާ ކަމަށް އޭނާ ބުންޏެވެ.
"ވަރަށް ގިނައިން އެމީހުން އަންނާނެ، އަދި އަންނާނެ ވަގުތު ނުވެއްޖެއްޔާ ކާ އެއްޗެހި އޯޑަރުކޮށްގެން ގެއަށް ވެސް ގެންދޭ،" ސްޓެފަން ބުންޏެވެ.
"އަބްރަމް އަށް އެންމެ ކަމުދަނީ މިތަނުގެ ސޫޝީ. ސުހާނާ ގިނަ ފަހަރަށް އަންނަނީ ރަށްޓެހިންނާއެކު ކޮންމެވެސް މުނާސަބަތެއް ފާހަގަކުރަން. ޝާހު އައި މަދު ފަހަރަކު، އެވެސް ގޯރީ އާއި އާއިލާއާ އެކު."
ޝާހު އާންމުކޮށް އޯޑަރުކުރަނީ ކަންބަޅި މަހުން ހަދާފައި ހުންނަ "ލޭމްބް ޗޮޕްސް" އަށް ކަމަށް އޭނާ ބުންޏެވެ.
ގޯރީގެ "ޓޯރީ" ރެސްޓޯރެންޓަކީ މިހާރު ބޮލީވުޑްގެ ސެލެބްރިޓީންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ. ނެޓްފްލިކްސް އިން ގެނެސްދޭ އިންޑިއާގެ މަގުބޫލު ރިއަލިޓީ ޝޯ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިފްސް"ގެ އެންމެ ފަހު ސީޒަންގައި ވެސް އެ ރެސްޓޯރެންޓު ދައްކާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy