"ހެރި ޕޮޓާ"ގެ ވާހަކަ ލިޔުނު އިނގިރޭސި ލިޔުންތެރިޔާ ޖޭކޭ ރޯލިން.
23 ޖޫން 2025 - 10:53
ވޯނާ ބްރަދާސް އާއި އެޗްބީއޯ ގުޅިގެން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ "ހެރި ޕޮޓާ" ޓީވީ ސީރީޒްގެ މަސައްކަތްތަކާ މެދުގައި ހިތްހަމަޖެހޭކަން އެ ވާހަކައިގެ އަސްލު ލިޔުންތެރިޔާ ޖޭކޭ ރޯލިން ހާމަކޮށްފި އެވެ.
ރޯލިން އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ އެ ސީރީޒްގެ ފުރަތަމަ ދެ އެޕިސޯޑުގެ ސްކްރިޕްޓް އޭނާ މިހާރު ކިޔާފައިވާ ކަމަށާއި އެ ސްކްރިޕްޓްތައް ލިޔެފައި އޮތީ ވަރަށް ފުރިހަމައަށް ކަމަށެވެ.
އެ ސީރީޒްގެ އެއްވެސް އެޕިސޯޑެއް އޭނާ ލިޔޭތޯ މީހަކު އެކްސްގައި އެހެމުން ރޯލިން ބުނީ އޭނާ އެކަމުގައި ބައިވެރިވި ނުވި ނަމަވެސް، އެ ސީރީޒަށް ސްކްރިޕްޓް ލިޔަނީ ވަރަށް ހުނަރުވެރި ލިޔުންތެރިން ކަމަށެވެ.
I read the first two episodes of the forthcoming HBO Harry Potter series and they are SO, SO, SO GOOD!
— J.K. Rowling (@jk_rowling) June 21, 2025
"ހެރި ޕޮޓާ" ސީރީޒްގެ އެންމެ މުހިންމު ތިން ރޯލު ކުޅޭ އެކްޓަރުން މިދިޔަ މަހު ވަނީ އިއުލާންކޮށްފަ އެވެ.
އެ ސީރީޒްގައި ހެރި ޕޮޓާގެ ރޯލު ކުޅޭނީ ޑޮމިނިކް މެގޯކްލިން އެވެ. ހާމައޮނީގެ ރޯލު ކުޅޭނީ އެރަބެލާ ސްޓެންޓޮން އެވެ. އަދި ރޮންގެ ރޯލު ކުޅޭނީ އެލަސްޓެއާ ސްޓައުޓެވެ.
އެޗްބީއޯ އިން ބުނި ގޮތުގައި، އެ ސީރީޒްގައި އެލްބަސް ޑަމްބަލްޑޯގެ ރޯލު ކުޅޭނީ އެމެރިކާގެ އެކްޓަރު ޖޯން ލިތުގޯ އެވެ. މިނާވާ މެކްގޮނަގަލްގެ ރޯލު ކުޅޭނީ އިނގިރޭސި އެކްޓަރު ޖެނެޓް މެކްޓީ އެވެ. ރޫބިއަސް ހެގްރިޑްގެ ރޯލުން އިނގިރޭސި އެކްޓަރު ނިކް ފްރޮސްޓް ފެންނާނެ އިރު، ކުރިނަސް ކުރޮލްގެ ރޯލު ކުޅޭނީ ލޫކް ތެލޮން އެވެ. އަދި އޭގަސް ފިލްޗުގެ ރޯލުން ފެންނާނީ ޕޯލް ވައިޓްހައުސް އެވެ.
ޕްރޮފެސާ ސެވަރަސް ސްނޭޕްގެ ރޯލު ކުޅޭނީ ޕާޕާ އެސިއެޑޫ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އަންނަ އަހަރު ސްޓްރީމް ކުރަން ފަށަން ނިންމާފައިވާ މި ސީރީޒްގެ ކާސްޓު މިހާރު ފައިނަލް ވެފައި ވާތީ އަންނަ މަހު ޝޫޓިންތައް ފަށާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަކޭނީޕު
23 June 2025
މަށަށް ހެރީޕޮޓާ ސީރީޒަކީ ޝައުގުވެރިޔަސް އެހާ ކަމުދާ އެއްޗެއްނޫން. ހޮޅިވުޑު ބޮލީވުޑު ޓޮލީވުޑު ފިލުމުތައްހެން ހަމައެކަނި ހީރޯއަށް މޮޅު ގޮތް ހޯދައިދޭން، ވަކި މީހަކަށް ނޫނީ ކަމެއް ނުވާނޭ ބުނާ ޒާތު، އެހެން މީހުންގެ އިހުސާސްތަކަށް ބަލާލުމެއް ނޯންނަ ވިސްނުމެއް ފަތުރާ ވާހަކަތަކެއް. އެއީ ހަގީގަތުގައި ވާންޖެހޭ ގޮތެއްނޫން.