ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ "ހެރީ ޕޮޓާ" ފޮތްތަކުގެ މައްޗަށް ބިނާކޮށް އެޗްބީއޯ އިން ގެނެސްދޭ ޓީވީ ސީރީޒްގެ ފުރަތަމަ ޓީޒާއަށް ލޯތްބާއި ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

"ހެރީ ޕޮޓާ" ޓީވީ ސީރީޒްގެ ފުރަތަމަ ޓީޒާ އާންމުކުރީ އިއްޔެ އެވެ. އެ ޓީޒާއާ އެކު، މި ސީރީޒްގެ ފުރަތަމަ ސީޒަނަށް ދީފައިވާ ނަމަކީ "ހެރީ ޕޮޓާ އެންޑް ދަ ފިލޯސަފާސް ސްޓޯން" ކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ޓީޒާގައި ފެންނަނީ ހެރީގެ އާއިލާއާ އެކު އުޅޭ ބައެއް މަންޒަރުތަކާއި އޭނާ ހޮގްވާޓްސްއަށް ދިއުމަށް ލިބޭ ސިޓީގެ އިތުރުން ޖާދޫގެ ދުނިޔެއަށް އޭނާ ވަދެގެންދާ މަންޒަރުތަކެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަން ބިނާކޮށްފައި ވަނީ ޖޭ.ކޭ ރޯލިންގްގެ ފުރަތަމަ ފޮތަށެވެ.

މީގެ އުފެއްދުންތެރިން ބުނި ގޮތުގައި، މި ސީރީޒް ވާނީ "ހެރީ ޕޮޓާ"ގެ ފިލްމުތަކަށް ވުރެ ބޮޑަށް ފޮތުގައިވާ ކަންކަން މާ ތަފުސީލުކޮށް ދައްކާ ސީރީޒަކަށެވެ. ފުރަތަމަ ސީޒަނުގައި 8 އެޕިސޯޑު ގެނެސްދޭއިރު، ފިލްމުތަކުން އުނިކޮށްފައިވާ ބައެއް މުހިންމު ބައިތައް ސީރީޒްގައި ހިމަނާފައި ވާނެ އެވެ.

 

މި ޓީޒާ އާންމުކުރުމާ އެކު "ހެރީ ޕޮޓާ"ގެ ފޭނުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތައް ވެސް އުފެދިފަ އެވެ.

ބައެއް ފޭނުން ކާސްޓުންނާއި މަންޒަރުތަކަށް ތައުރީފު ކުރި ނަމަވެސް، އަނެއް ބަޔަކު ތިބީ ބައެއް ކެރެކްޓަރުންގެ ރޯލު ކުޅެން ހަމަޖެއްސި އެކްޓަރުންނާ މެދުގައި ހިތްހަމަނުޖެހިފަ އެވެ. 

އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވަނީ ޕްރޮފެސާ ސެވަރަސް ސްނޭޕްގެ ރޯލަށް ކަޅު ނަސްލުގެ އެކްޓަރަކު ނެގުމުންނެވެ. އެ ރޯލު ކުޅެނީ އެކްޓަރު ޕާޕާ އެސިއެޑޫ އެވެ. "ހެރީ ޕޮޓާ"ގެ ވާހަކަ ފޮތްތަކުގައިވާ ގޮތުން ސްޕޭންއަކީ ދޮން ނަސްލުގެ ކެރެކްޓާއެކެވެ. 

މި ސީރީޒްގައި ހެރީ ޕޮޓާގެ ރޯލު ކުޅެނީ އުމުރުން 11 އަހަރުގެ ޑޮމިނިކް މެގޯކްލިން އެވެ. ހާމައޮނީ ގްރޭންޖާގެ ރޯލު ކުޅެނީ އެރަބެލާ ސްޓެންޓޮން އެވެ. އަދި ރޮން ވީޒްލީގެ ރޯލު ކުޅެނީ އެލަސްޓެއާ ސްޓައުޓެވެ.

"ހެރީ ޕޮޓާ"ގެ ފުރަތަމަ ސީޒަން މި އަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ސްޓްރީމް ކުރަން ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.