"ހެރި ޕޮޓާ" ސީރީޒްގައި ހެރީގެ ރޯލު ކުޅޭ ޑޮމިނިކް މެގޯކްލިން.
18 އޯގަސްޓް 2025 - 10:43
"ހެރި ޕޮޓާ" ޓީވީ ސީރީޒް 10 އަހަރަށް ދިގުދެމިގެންދާނެ ކަމަށް ވޯނާ ބްރަދާސްގެ ސީއީއޯ ބުނެފި އެވެ.
"ހެރި ޕޮޓާ" ޓީވީ ސީރީޒަކީ ވޯނާ ބްރަދާސް އާއި އެޗްބީއޯ ގުޅިގެން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ސީރީޒެކެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ސީރީޒް 10 އަހަރަށް ދިގުދެމިގެންދާނެ ކަމަށް ވޯނާ ބްރަދާސްގެ ސީއީއޯ ޑޭވިޑް ޒެސްލެވް އެ ކުންފުނީގެ މެނޭޖުމަންޓާއެކު ބޭއްވި ބައްދަލުވުމެއްގައި ވަނީ ބުނެފަ އެވެ. އެއީ 7-8 ސީޒަން ކަމަށް ރިޕޯޓްތައް ބުންޏެވެ.
ފުރަތަމަ ސީޒަންގެ ޝޫޓިން މިހާރު ފަށާފައިވާއިރު، އެ ސީޒަންގައި 8 އެޕިސޯޑް ގެނެސްދޭނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
"ހެރި ޕޮޓާ" ސީރީޒްގެ އެންމެ މުހިންމު ތިން ރޯލު ކުޅޭ އެކްޓަރުން މިދިޔަ މެއި މަހު ވަނީ އިއުލާންކޮށްފަ އެވެ.
އެ ސީރީޒްގައި ހެރި ޕޮޓާގެ ރޯލު ކުޅެނީ ޑޮމިނިކް މެގޯކްލިން އެވެ. ހާމައޮނީގެ ރޯލު ކުޅެނީ އެރަބެލާ ސްޓެންޓޮން އެވެ. އަދި ރޮންގެ ރޯލު ކުޅެނީ އެލަސްޓެއާ ސްޓައުޓެވެ.
އެޗްބީއޯ އިން ކުރިން ބުނި ގޮތުގައި، އެ ސީރީޒްގައި އެލްބަސް ޑަމްބަލްޑޯގެ ރޯލު ކުޅޭނީ އެމެރިކާގެ އެކްޓަރު ޖޯން ލިތުގޯ އެވެ. މިނާވާ މެކްގޮނަގަލްގެ ރޯލު ކުޅޭނީ އިނގިރޭސި އެކްޓަރު ޖެނެޓް މެކްޓީ އެވެ. ރޫބިއަސް ހެގްރިޑްގެ ރޯލުން އިނގިރޭސި އެކްޓަރު ނިކް ފްރޮސްޓް ފެންނާނެ އިރު، ކުރިނަސް ކުރޮލްގެ ރޯލު ކުޅޭނީ ލޫކް ތެލޮން އެވެ. އަދި އޭގަސް ފިލްޗުގެ ރޯލުން ފެންނާނީ ޕޯލް ވައިޓްހައުސް އެވެ.
ޕްރޮފެސާ ސެވަރަސް ސްނޭޕްގެ ރޯލު ކުޅޭނީ ޕާޕާ އެސިއެޑޫ އެވެ.
އެ ސީރީޒް ސްޓްރީމްކުރަން ފަށާނީ 2027 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy