އެޗްބީއޯ އިން އުފައްދާ "ހެރީ ޕޮޓާ" ޓީވީ ސީރީޒްގެ ދެވަނަ ރަސްމީ ޓްރެއިލާ އާންމުކޮށް، ހޮގްވާޓްސްގެ ޖާދޫގެ ދުނިޔެ އާއި ހެރީގެ ފުރަތަމަ އަހަރުގެ މަންޒަރުތައް އިތުރަށް ދައްކާލައިފި އެވެ.
އެ ސީރީޒަކީ ޖޭކޭ ރޯލިންގެ މަޝްހޫރު ފޮތް "ހެރީ ޕޮޓާ އެންޑް ދަ ފިލޯސޮފާސް ސްޓޯން" އަށް ބިނާކޮށް ތައްޔާރުކުރާ 8 އެޕިސޯޑުގެ ސީރީޒެކެވެ.
މިދިޔަ މާޗު މަހު ދެއްކި ފުރަތަމަ ޓީޒާއަށް ފަހު އާންމުކުރި މި ދިގު ޓްރެއިލާއިން، ފޮތުގައިވާ މަޝްހޫރު އެކި މަންޒަރުތައް ކަމަށްވާ ހެރީ އިންވިޒިބިލިޓީ ކްލޯކް ބޭނުންކުރުމާއި ކުއިޑިޗް ކުޅުމުގެ އިތުރުން ޕްރޮފެސަރު ސްނޭޕްއާ ބައްދަލުވާ މަންޒަރުތައް ފެނެ އެވެ.
މި ސީރީޒްގައި ހެރީ ޕޮޓާގެ ރޯލު ކުޅެނީ އަލަށް އެކްޓިންގެ ދާއިރާއަށް ނުކުންނަ 11 އަހަރުގެ އެކްޓަރު ޑޮމިނިކް މެކްލޯގްލިން އެވެ. މީގެ އިތުރުން ހެރީގެ އެންމެ ގާތް ދެ ރައްޓެހިން ކަމަށްވާ ރޮން ވީޒްލީގެ ރޯލުން އެލަސްޓެއާ ސްޓައުޓް އަދި ހާމަނީ ގްރޭންޖާގެ ރޯލުން އެރަބެއްލާ ސްޓެންޓަން ފެންނާނެ އެވެ.
އިނގިރޭސިވިލާތުގައި އުމުރުން 9 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންގެ މެދުގައި ބޭއްވި އޮޑިޝަންތަކަށް ފަހު ހޮވުނު އެ ތިން ކުދިންގެ އިތުރުން، ބޮޑެތި މީހުންގެ ރޯލުތަކުން މަޝްހޫރު އެކްޓަރުން ފެންނާނެ އެވެ.
ހޮގްވާޓްސްގެ ހެޑްމާސްޓަރު އެލްބަސް ޑަންބަލްޑޯގެ ރޯލުން ޖޯން ލިތުގޯ، ސެވަރަސް ސްނޭޕްގެ ރޯލުން ޕާޕާ އެސިއެޑޫ، މިނާވާ މެކްގޮނަގަލްގެ ރޯލުން ޖެނެޓް މެކްޓިއާ އަދި ރުބިއަސް ހެގްރިޑްގެ ރޯލުން ނިކް ފްރޮސްޓް ފެންނާނެ އެވެ.
މި ސީރީޒްގެ ޕްރޮޑަކްޝަންގެ މަސައްކަތްތައް އިނގިރޭސިވިލާތުގެ ހާޓްފޯޑްޝަޔާގައި ބޮޑު ބަޖެޓަކާ އެކު ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. މިއީ މަޝްހޫރު ސީރީޒް "ސަކްސެޝަން"ގެ ލިޔުންތެރިޔާ ފްރެންޗެސްކާ ގާޑިނާ އާއި ޑިރެކްޓަރު މާކް މައިލޯޑްގެ ބެލުމުގެ ދަށުން ތައްޔާރުކުރާ ސީރީޒެކެވެ.
މި ސީރީޒްގެ ދެވަނަ ސީޒަނުން ފެންނާނެ ކަމަށް ކުރިން އިއުލާންކުރި ނިކޮލަސް ހޯލްޓްގެ ބަދަލުގައި، "ގޭމް އޮފް ތުރޯންސް"ގެ އެކްޓަރު ކިޓް ހެރިންގްޓަން، ގިލްޑްރޯއީ ލޮކްހާޓްގެ ރޯލަށް ވަނީ ހަމަޖައްސައިފަ އެވެ.
"ހެރީ ޕޮޓާ"ގެ ވާހަކަ ލިޔުން ރޯލިން މި ސީރީޒްގައި އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ބައިވެރިވެ އެވެ.
"ހެރީ ޕޮޓާ" ޓީވީ ސީރީޒްގެ ފުރަތަމަ ސީޒަން މި އަހަރުގެ ކްރިސްމަސް ބަންދާ ދިމާކޮށް އަންނަ ޑިސެމްބަރު މަހު ސްޓްރީމް ކުރަން ފަށަން ވަނީ ނިންމައިފަ އެވެ.