ދުނިޔޭގައި ބޮޑެތި ސްޓްރީމިން ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ "އެޗްބީއޯ މެކްސް"ގެ ހިދުމަތް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖެއަށް ލިބެން ފަށައިފި އެވެ.
ވޯނާ ބްރަދާސް ޑިސްކަވަރީން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ޕްރީމިއާ ގްލޯބަލް ސްޓްރީމިން ސާވިސް "އެޗްބީއޯ މެކްސް"ގެ ހިދުމަތް އޭޝިއާ ޕެސިފިކްގެ އާ މާކެޓްތަކަށް ތައާރަފުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެ، ބޫޓާން، ފިޖީ، ކިރިބަތީ، މާޝަލް އައިލެންޑްސް، މައިކްރޮނޭޝިއާ، ނައުރު، ނިއު، ސަމޯއާ، ޓޮންގާ، ޓުވާލޫ އަދި ވަނުއާޓޫ ހިމެނެ އެވެ.
"އެޗްބީއޯ މެކްސް" އަކީ އެޗްބީއޯ، ގޭމް އޮފް ތުރޯންސް، ހެރީ ޕޮޓާ، ޑީސީ ޔުނިވާސް، ކާޓޫން ނެޓްވޯކް، މެކްސް އޮރިޖިނަލްސް އަދި ހޮލީވުޑްގެ އެންމެ މަގުބޫލު ފިލްމުތަކުގެ އިތުރުން ޑިސްކަވަރީ އާއި ޓީއެލްސީގެ ޕްރޮގްރާމްތައް އެއްތަނަކުން ބަލާލެވޭނެ ވަސީލަތެކެވެ.
ލިބެން ހުރި ސަޅި ކޮންޓެންޓްތައް
- އޮސްކާ ކާމިޔާބުކޮށްފައިވާ ފިލްމުތައް: "ސިނާސް" އާއި "ވަން ބެޓުލް އާފްޓާ އެނަދާ"
- މަގުބޫލު ސީރީޒްތައް: ދަ ޕިޓް އާއި "އަ ނައިޓް އޮފް ދަ ސެވަން ކިންޑަންސް"
- އަންނަން ހުރި ސީރީޒްތައް: އަންނަ ޖޫން މަހު ފަށާ "ހައުސް އޮފް ދަ ޑްރެގަން"ގެ ތިންވަނަ ސީޒަން އާއި އޮގަސްޓް މަހު ފަށާ ޑީސީގެ "ލެންޓާންސް"
- އާއިލީ އަދި ކުޑަކުދިންގެ ޕްރޮގްރާމްތައް: "ފްރެންޑްސް"، "ބިގް ބޭންގް ތިއަރީ"، "ވީ އާ ބިއާސް" އަދި "އެޑްވެންޗާ ޓައިމްސް"
- ރިއަލިޓީ ޝޯތައް: "ޑެޑްލިއެސްޓް ކެޗު" އާއި "ގޯލްޑް ރަޝް"
"އެޗްބީއޯ މެކްސް"ގެ އިންޓަފޭސް ފަރުމާކޮށްފައި ވަނީ ބޭނުންކުރަން ފަސޭހަ، ތަފާތު ގިނަ ފީޗަތަކާ އެކުގަ އެވެ. އޭގެ ތެރޭގައި:
- އެއް އެކައުންޓަކުން ފަސް ޕްރޮފައިލް ހެދޭނެ. އަދި ބަލާ މީހާގެ ޝައުގުވެރިކަމަށް ބަލައި ކޮންޓެންޓް ރިކޮމެންޑް ކުރާނެ.
- ކުޑަކުދިންގެ އުމުރާ ގުޅޭ ގޮތަށް ޕްރޮފައިލްތައް ކަސްޓަމައިޒްކޮށް، "ޕޭރަންޓަލް ކޮންޓްރޯލް" ބޭނުންކުރެވޭނެ.
- ފަސޭހައިން ސާޗް ކުރެވުމާއި ބަލަމުން އަންނަ ފިލްމު މެދުކަނޑާލި ހިސާބުން ފެށޭ "ކޮންޓިނިއު ވޮޗިން" އަދި އިންޓަނެޓް ނެތް ތަންތަނުގައި ބަލާލުމަށް ޑައުންލޯޑް ކުރެވޭ.
ސަބްސްކްރިބްޝަންގެ އަގުތަކަށް ބަލާއިރު ރާއްޖޭގައި މިވަގުތު ދެ ވައްތަރެއްގެ ޕްލޭން ހިޔާރުކުރެވެން އެބައޮތެވެ. އެއީ، އަހަރީ ދެ ޕްލޭނަކާއި މަހުންމަހަށް ފީ ދައްކާ ދެ ޕްލޭނެކެވެ.
މަހުންމަހަށް ފީ ދައްކާ ޕްލޭންތަކުގެ ތެރެއިން ސްޓޭންޑާޑް ޕްލޭންގެ އަގަކީ 9.99 ޑޮލަރު އަދި ޕްރިމިއަމް ޕްލޭންގެ އަގަކީ 12.49 ޑޮލަރެވެ.
މުޅި އަހަރަށް ފީ ދައްކާ ސްޓޭންޑާޑް ޕްލޭންގެ އަގަކީ 99.99 ޑޮލަރު އަދި ޕްރިމިއަމް ޕްލޭންގެ އަގަކީ 124.99 ޑޮލަރެވެ.
މިއީ، އެންމެ ވާދަވެރި ނެޓްފްލިކްސްގެ އަގުތަކާ އަޅާބަލާއިރު ކުޑަ އަގެކެވެ.