މި ނިމުނު ހަފުތާގައި މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ގަދައަށް ދެކެވެނު އެއް ވާހަކައަކީ، އެމެރިކާގެ މަޝްހޫރު ޓީވީ ސީރީޒް "ބްރޭކިން ބޭޑް"ގެ އެންމެ ފާހަގަކޮށްލެވޭ އެޕިސޯޑު ކަމަށްވާ "އޮޒިމަންޑިއަސް"ގެ ބޮޑު ވެއްޓުމުގެ ވާހަކަ އެވެ. މިދިޔަ 13 އަހަރު އައިއެމްބީޑީ ރޭޓިންގައި 10/10 ގެ "ޕާފެކްޓް" ސްކޯއެއްގައި އޮތް މި އެޕިސޯޑުގެ ރޭޓިން މިހާރު ވަނީ 9.9 އަކަށް ދަށްވެފަ އެވެ.

އެ ސީރީޒް ދަމަހައްޓަމުން އައި ފަހުރުވެރި މަގާމު ވައްޓާލައި އެހެން ސީރީޒެއް ކުރި ހޯދީ އެވެ. 

ނަމަވެސް، މި ބަދަލު އައީ އެ އެޕިސޯޑުގެ ފެންވަރު ދަށްވެގެންނެއް ނޫނެވެ. މިއީ، އެޗްބީއޯ އިން މިހާރު ގެނެސްދެމުން އަންނަ "ގޭމް އޮފް ތުރޯންސް"ގެ ޕްރީކުއެލް ސީރީޒް "އަ ނައިޓް އޮފް ދަ ސެވަން ކިންގްޑަމްސް" އާއި "ބްރޭކިން ބޭޑް"ގެ ފޭނުންގެ މެދުގައި ހިނގަމުންދާ "ރޭޓިން ހަނގުރާމައެއްގެ" ނަތީޖާ އެވެ.

މި ކަމެއް ފެށުނީ މައްސަލަ ފެށުނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު "އަ ނައިޓް އޮފް ދަ ސެވަން ކިންގްޑަމްސް"ގެ ފަސްވަނަ އެޕިސޯޑު "އިން ދަ ނޭމް އޮފް ދަ މަދާ" ސްޓްރީމް ކުރަން ފެށުމާ އެކުގަ އެވެ. އެ އެޕިސޯޑަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި، އައިއެމްބީޑީގައި 10/10 ގެ ސްކޯއެއް ލިބުނެވެ.

މިއީ "ބްރޭކިން ބޭޑް"ގެ "އޮޒިމަންޑިއަސް" އަށް ފަހު މިފަދަ ފުރިހަމަ ސްކޯއެއް ލިބުނު ދެވަނަ އެޕިސޯޑެވެ.

ނަމަވެސް، "ބްރޭކިން ބޭޑް"ގެ ބައެއް ފޭނުން ބޭނުންވީ އެ ސީރީޒްގެ ރެކޯޑު ދަމަހައްޓާށެވެ. އެހެންވެ، އެމީހުން ވަނީ "އަ ނައިޓް އޮފް ދަ ސެވަން ކިންގްޑަމްސް"ގެ އާ އެޕިސޯޑަށް ގަސްތުގައި ދަށް ރޭޓިންއެއް ދޭން ނުވަތަ "ރިވިއު ބޮމްބް" ކުރަން ފަށައިފަ އެވެ. މީގެ ސަބަބުން އެ އެޕިސޯޑުގެ ރޭޓިން 9.7 އަކަށް ވެއްޓުނެވެ.

މިކަމާ ގުޅިގެން "ގޭމް އޮފް ތުރޯންސް" އަދި "އަ ނައިޓް އޮފް ދަ ސެވަން ކިންގްޑަމްސް"ގެ ފޭނުން ވަނީ ބަދަލު ހިފުމުގެ ގޮތުން "އޮޒިމަންޑިއަސް" އަށް އެއް ސްޓާގެ ރޭޓިންއެއް ދޭން ފަށައިފަ އެވެ. އެންމެ 24 ގަޑިއިރު ތެރޭގައި 50,000 އަށް ވުރެ ގިނަ މީހުން އެއް ސްޓާގެ ރޭޓިންއެއް ދިނުމާ ގުޅިގެން، 13 އަހަރު ވަންދެން ހިފަހައްޓާފައި އޮތް "އޮޒިމަންޑިއަސް"ގެ 10/10 ގެ ރޭޓިން މިހާރު ވަނީ 9.9 އަކަށް ވެއްޓިފަ އެވެ.

ރިއާން ޖޯންސަން ޑައިރެކްޓްކުރި "ބްރޭކިން ބޭޑް"ގެ "އޮޒިމައިންޑިއަސް" އަކީ ދުނިޔޭގެ ތާރީހުގައި ވެސް އެންމެ މޮޅު ޓީވީ އެޕިސޯޑު ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.

"އަ ނައިޓް އޮފް ދަ ސެވަން ކިންގްޑަމްސް" އަކީ  ޖޯޖް އާރު އާރު މާޓިންގެ ވާހަކަ "ޓޭލްސް އޮފް ޑަންކް އެންޑް އެގް"އަށް ބިނާކޮށް އުފައްދާފައިވާ ސީރީޒެކެވެ. މި ކާމިޔާބު ސީރީޒްގެ ފުރަތަމަ ސީޒަނުގެ އެންމެ ފަހު އެޕިސޯޑު މާދަމާ ސްޓްރީމް ކުރަން ފަށާނެ އެވެ.