މަޝްހޫރު ސީރީޒް "ގޭމް އޮފް ތުރޯންސް"ގައި ޖޯން ސްނޯގެ ރޯލު ކުޅުނު އިނގިރޭސި އެކްޓަރު ކިޓް ހެރިންގްޓަން، އެޗްބީއޯ އިން އަލަށް އުފައްދާ "ހެރީ ޕޮޓާ" ސީރީޒްގެ ކާސްޓާ ގުޅިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ހެރިންގްޓަން އެ ސީރީޒްގައި ފެންނާނީ "ޑިފެންސް އަގެއިންސްޓް ދަ ޑާކް އާޓްސް"ގެ މުދައްރިސް، މަޝްހޫރު އަދި ވަރަށް ބޮޑާ ކެރެކްޓަރެއް ކަމަށްވާ "ގިލްޑްރޯއި ލޮކްހާޓް"ގެ ރޯލުންނެވެ.

އެ ރޯލަށް އެންމެ ފުރަތަމަ ހަމަޖެއްސީ ހޮލީވުޑްގެ އެކްޓަރު ނިކޮލަސް ހޯލްޓް އެވެ. ނަމަވެސް، ޝޫޓިން ޝެޑިއުލަށް އައި ބަދަލުތަކާ އެކު އޭނާ ކުރިން އެއްބަސްވެފައިވާ އެހެން ދެ ޕްރޮޖެކްޓަކާ ވަގުތު ފުށުއަރާތީ ނިކޮލަސް ވަނީ އެ ރޯލު ދޫކޮށްލައިފަ އެވެ.

އެއާ އެކު، އެޗްބީއޯ އިން ވަނީ ދެވަނަ ސީޒަންގެ ޝޫޓިން ފެށުމުގެ ކުރިން ގިލްޑްރޯއި ލޮކްހާޓްގެ ރޯލަށް ހެރިންގްޓަން ހަމަޖެއްސިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ކަށަވަރުކޮށްދީފަ އެވެ. 

ހެރިންގްޓަން ވަނީ އޮޑިބަލް އިން ކުރިން ނެރުނު "ހެރީ ޕޮޓާ" އޯޑިއޯ ބުކް ސީރީޒްގައި ވެސް ގިލްޑްރޯއި ލޮކްހާޓްގެ ކެރެކްޓަރަށް އަޑު އަޅައިދީފަ އެވެ.

ހެރިންގްޓަން ބުނެފައި ވަނީ އޭނާއަކީ ކުޑައިރުއްސުރެ ހެރީ ޕޮޓާ ވާހަކަތަކުގެ ބޮޑު ފޭނެއް ކަމަށާއި ލޮކްހާޓްގެ ރޯލު ކުޅެން ލިބުމަކީ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.

މިއީ "ގޭމް އޮފް ތުރޯންސް" އާއި "އިންޑަސްޓްރީ" އަށް ފަހު އެޗްބީއޯއާ އެކު އޭނާ މަސައްކަތްކުރާ ތިންވަނަ ބޮޑު ޕްރޮޖެކްޓެވެ.

އެޗްބީއޯގެ މި "ހެރީ ޕޮޓާ" ސީރީޒަކީ ޖޭކޭ ރޯލިން ލިޔެފައިވާ ހަތް ފޮތަށް ބިނާކޮށް، ކުރިއަށް އޮތް 10 އަހަރަށް ބަހާލައިގެން އުފައްދާ ބޮޑު ސީރީޒެކެވެ.

ހެރިންގްޓަން ފެންނާނީ ދެވަނަ ފޮތް "ހެރީ ޕޮޓާ އެންޑް ދަ ޗެމްބާ އޮފް ސީކްރެޓްސް" އަށް ބިނާކޮށް އުފައްދާ ދެވަނަ ސީޒަންގަ އެވެ.

"ހެރީ ޕޮޓާ" ސީރީޒްގެ ފުރަތަމަ ސީޒަން އަންނަ ޑިސެމްބަރު މަހު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ސީޒަންގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.