އިންޑިއާގެ އެކްޓްރެސް ޝެފާލީ ޖަރީވާލާ އާއި އޭނާގެ ފިރިމީހާ ޕަރަގް ތިޔާގީ.
30 ޖޫން 2025 - 10:58
މިިދިޔަ ހުކުރު ދުވަހުގެ ރޭ މަރުވި އިންޑިއާގެ އެކްޓްރެސް ޝެފާލީ ޖަރީވާލާ ކުއްލި މަރާ ގުޅިގެން 10 މީހެއްގެ ބަޔާން ނަގައި، އޭނާގެ ޕޯސްޓްމޯޓަމް ވެސް ހަދައިފި އެވެ.
އުމުރުން 42 އަހަރުގެ ޝެފާލީ އިމަޖެންސީގައި އިންޑިއާގެ މުމްބާއީގެ ބެލޫވީ މުނިސިޕަލްޓީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ. ޝެފާލީގެ ޖަނާޒާ ވަނީ އިއްޔެ ބާއްވައިފަ އެވެ.
ޝެފާލީ މަރުވި ގޮތެއް މިހާތަނަށް އާއިލާއިން ހާމަކޮށްފައެއް ނުވެ އެވެ.
މުމްބާއީގެ ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނި ގޮތުގައި، އޭނާގެ ކުއްލި މަރާ ގުޅިގެން 10 މީހެއްގެ ބަޔާން ފުލުހުން ވަނީ ނަގައިފަ އެވެ. އޭގެ ތެރޭގައި އޭނާގެ ގޭގައި މަސައްކަތް ކުރާ ކައްކާ އާއި މަސައްކަތު މީހަކާއި އިތުރު ބަޔަކު ހިމެނެ އެވެ. އަދި ޝެފާލީގެ ފިރިމީހާ ޕަރަގް ތިޔާގީގެ ބަޔާން ވެސް ނަގާފައިވެ އެވެ.
ޝެފާލީ ހޮސްޕިޓަލަށް ދިޔައީ ގެންދިޔައީ އޭނާގެ ފިރިމީހާ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ.
މި މައްސަލާގައި ފުލުހުން ވަނީ ޝެފާލީގެ ޕޯސްޓްމޯޓަމް ހަދައިފަ އެވެ. އަދި ޕޯސްޓްމޯޓަމްގެ ރިޕޯޓް މާދަމާ ފުލުހުންނަށް ލިބޭނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ޝެފާލީ މަޝްހޫރުވީ 2002 ވަނަ އަހަރު ނެރުނު ހިންދީ ލަވަ "ކާންޓާ ލަގާ"ގެ ރީމިކްސް ވީޑިއޯ ލަވައިންނެވެ. އެއީ އިންޑިއާގައި ޕޮޕް މިއުޒިކް ވައިގައިހިފި ދުވަސްވަރެވެ.
އޭގެފަހުން ޝެފާލީ ވަނީ އިންޑިއާގެ އެންމެ ބޮޑު ރިއާލިޓީ ޝޯ "ބިގް ބޮސް"ގެ 13 ވަނަ ސީޒަންގައި ބައިވެރިވެފަ އެވެ. އެ ޝޯއިން ގިނަ ބައެއް ލޯބި ވެސް އޭނާއަށް ލިބުނެވެ. އަދި އިންޑިއާގެ ޑާންސް ރިއަލިޓީ ޝޯ "ނަޗް ބަލިޔޭ"ގެ ފަސްވަނަ އަދި ހަތްވަނަ ސީޒަންގައި އޭނާގެ ފިރިމީހާއާ އެކު ބައިވެރިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy