ބޮލީވުޑްގެ އެކްޓްރެސް ދީޕިކާ ޕަޑުކޯން.
03 ޖުލައި 2025 - 11:46
ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު އެކްޓްރެސް ދީޕިކާ ޕަޑުކޯންއަށް ހޮލީވުޑް "ވޯކް އޮފް ފޭމް"ގެ ޝަރަފު ދޭން ނިންމައިފި އެވެ.
ދީޕިކާއަކީ އެ ޝަރަފު ލިބޭ އިންޑިއާގެ ފުރަތަމަ އެކްޓްރެސް އެވެ.
ހޮލީވުޑް "ވޯކް އޮފް ފޭމް"އަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ހިދުމަތްކުރާ މީހުންގެ އަގުވަޒަންކޮށް ދޭ ޝަރަފުގެ ތަރިއެކެވެ. ފަންނާނުންގެ އަގުވަޒަންކުރުމުގެ ގޮތުން ހޮލީވުޑް ބްރޯޑްކާސްޓިން ކޮމިޝަނުން ދޭ "ވޯކް އޮފް ފޭމް"ގައި ފަންނާނުންނަށް ދޭ ތަރި ބާއްވަނީ އެކަމަށް ހާއްސަކޮށްފައިވާ އެމެރިކާގެ ލޮސް އެންޖަލިސްގެ މަގެއްގަ އެވެ.
ހޮލީވުޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މި އަހަރު އެ ޝަރަފު ލިބޭ ފަންނާނުންގެ ލިސްޓު އިއްޔެ އާންމުކޮށްފަ އެވެ.
ދީޕިކާގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންނަށް ވެސް މި އަހަރު ހޮލީވުޑް "ވޯކް އޮފް ފޭމް"ގެ ޝަރަފު ލިބެ އެވެ. އޭގެ ތެރޭގައި ޑެމީ މޯރް، ރޭޗަލް މެކްއެޑަމްސް، އެމިލީ ބްލަންޓް، ޓިމޮތީ ޝެލަމޭ، ރަމީ މަލެކް އަދި ސްޓޭންލީ ޓޫޝީ ހިމެނެ އެވެ.
"ވޯކް އޮފް ފޭމް"އަކީ ބޮޑު ޝަރަފެއް ކަމަށް މުނިފޫހިފިލުވުމުގެ ދާއިރާގައި ގަބޫލުކުރިޔަސް، އެއަށް ހޮވޭ ފަންނާނުން 85،000 ޑޮލަރުގެ ބޮޑު ފީއެއް ދައްކަން ޖެހެ އެވެ. އެއީ "ވޯކް އޮފް ފޭމް"ގެ ތަރި ހެދުމަށާއި އޭގެ މެއިންޓެނަންސްގެ ކަންކަމަށް އެއް ފަހަރު ދައްކަން ޖެހޭ ފީއެކެވެ.
ދީޕިކާއަކީ މިހާރު އިންޑިއާގައި އެންމެ ކާމިޔާބު އަދި އެންމެ އަގުބޮޑު އެކްޓްރެސް ވެސް މެ އެވެ.
ދީޕިކާ ވަނީ 2017 ވަނަ އަހަރު ހޮލީވުޑް ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ ވިން ޑީސެލްއާ އެކު އޭނާ ކުޅުނު އެކްޝަން ފިލްމު "ޓްރިޕަލް އެކްސް: ރިޓާން އޮފް ޒެންޑާ ކޭޖް" އެވެ.
އަލަތު ދަރިފުޅު ލިބުނު ފަހުން ދީޕިކާ މިހާރު އިނީ ފިލްމީ މަސައްކަތްތަކާ ދުރުގަ އެވެ. ދީޕިކާ އާއި އޭނާގެ ފިރިމީހާ ރަންވީރް ސިންގަށް އަންހެން ކުއްޖަކު ލިބުނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ. ފިލްމީ މަސައްކަތްތަކާ މިވަގުތު ދުރުގައި ހުއްޓަސް ދީޕިކާ ވަނީ ބައެއް ފިލްމުތަކަށް މިފަހުން ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލާ2222
05 July 2025
ކުރިން ނަމަ މިހަރުގެ ތަރިޔަކަށް ނުކިޔާނެ! ތަރިޔެއް ގެ ޝޭލްފް ލައިފަކީ 10 އަހަރު ކުރިން! 1970 ގެ ތަރިޔަކު 1980 އަށް އަޅާ އިރު މަންމަ ބައި ލިބެން ފަށާ