"ސްޓްރޭންޗާ ތިންގްސް"ގެ ފަހު ސީޒަންގެ މަންޒަރެއް.
31 ޑިސެމްބަރ 2025 - 06:51
ނެޓްފްލިކްސް އެންމެ ކާމިޔާބު ސީރީޒް "ސްޓްރޭންޗާ ތިންގްސް" ގެ ފައިނަލް އެޕިސޯޑް މާދަމާ ސްޓްރީމް ކުރަން ފެށުމުގެ ކުރިން ފަހު ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.
މިނިޓަކާއި 21 ސިކުންތުގެ އެ ޓްރެއިލާގައި ވަނީ ކުރީގެ ސީޒަންތަކުގެ ބައެއް އުސްއަލިތަކާ އެކު، ފަހު އެޕިސޯޑުގެ ބައެއް މަންޒަރުތައް ހިމަނައިފަ އެވެ.
"ސްޓްރޭންޗާ ތިންގްސް"ގެ އެންމެ ފަހު ސީޒަންގެ ފުރަތަމަ ހަތަރު އެޕިސޯޑް މިދިޔަ މަހު 26 އިން ފެށިގެން ސްޓްރީމް ކުރަމުން އަންނައިރު، ފަހެއް، ހައެއް އަދި ހަ ވަނަ އެޕިސޯޑް މި މަހު 25 އިން ފެށިގެން އަންނަނީ ސްޓްރީމް ކުރަމުންނެވެ.
އާ އަހަރުގެ މުނާސަބަތާ ދިމާކޮށް ގެނެސްދޭ އެ ސީރީޒްގެ އެންމެ ފަހު އެޕިސޯޑް ސްޓްރީމް ކުރަން ފަށާނީ ރާއްޖެ ގަޑިން މާދަމާ ހެނދުނު 6:00 ގަ އެވެ.
ފަހު ސީޒަންގެ ހަތްވަނަ އެޕިސޯޑް ފިޔަވާ އެހެން ހުރިހާ އެޕިސޯޑަކަށް ވަނީ ވަރަށް މަތީ ރޭޓިންތައް ލިބިފަ އެވެ. ނަމަވެސް، ސީރީޒް ބަލާ މީހުންގެ އަދަދު ވަރަށް ގިނަ އެވެ.
ނެޓްފްލިކްސް އިން ބުނި ގޮތުގައި، "ސްޓްރޭންޗާ ތިންގްސް"ގެ ވޮލިއުމް 1 އަކީ އެ ޕްލެޓްފޯމުން ސްޓްރީމްކުރި އިނގިރޭސި ބަހުގެ ސީރީޒްތަކުގެ ތެރެއިން ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި މިހާތަނަށް އެންމެ ގިނަ ވިއުސް ލިބުނު ސީރީޒް އެވެ. އެއީ 59.6 މިލިއަން ވިއުސްއާ އެކު އެވެ. އަދި ނެޓްފްލިކްސްގެ ހިދުމަތް ލިބޭ 93 ގައުމުގެ ތެރެއިން 90 ގައުމުގައި ޓޮޕް 10 ޝޯތަކުގެ އެއްވަނައިގައި އޮތީ އެ ސީރީޒެވެ.
"ސްޓްރޭންޗާ ތިންގްސް"ގެ ފައިނަލް އެޕިސޯޑަކީ މިހާތަނަށް ގެނެސްދޭ އެ ސީރީޒްގެ އެންމެ ދިގު އެޕިސޯޑެވެ. "ޗެޕްޓާ އެއިޓް: ދަ ރައިޓްސައިޑް އަޕް"ގެ ނަން ދީފައިވާ އެ އެޕިސޯޑުގެ ދިގުމިނަކީ ދެ ގަޑިއިރާއި 8 މިނެޓެވެ.
ނެޓްފްލިކްސް އިން ވަނީ ފައިނަލް އެޕިސޯޑް އެމެރިކާގެ ބައެއް ތިއޭޓަރުތަކުގައި ވެސް މިއަދު ދައްކަން ނިންމައިފަ އެވެ. އެ ހުރިހާ ޝޯއެއް ވަނީ ހައުސްފުލް ވެފަ އެވެ.
ހޮލީވުޑްގެ ކުޅަދާނަ ދެ ޑައިރެކްޓަރުން/ޕްރޮޑިއުސަރުން ކަމަށްވާ ދަ ޑަފާ ބްރަދާސް އުފައްދާފައިވާ "ސްޓްރޭންޖާ ތިންގްސް"އަކީ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ "ގްލޯބަލް ހިޓް" ސީރީޒެކެވެ. ނެޓްފްލިކްސް އިން 2016 ވަނަ އަހަރު ފެށި މި ސީރީޒަކީ އެ ޕްލެޓްފޯމުން މިހާތަނަށް ވެސް ގެނެސްދިން އެންމެ ކާމިޔާބު ސީރީޒެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy