ބޮލީވުޑްގެ ހޮރޯ ކޮމެޑީ ފިލްމު "ސްތުރީ 2"ގައި ތަމަންނާ ބާޓީ ނެށި އައިޓަމް ލަވަ "އާޖް ކީ ރާތު"އަށް ޔޫޓިއުބްގައި އެއް ބިލިއަން ވިއުސް ލިބިއްޖެ އެވެ.
ތަމަންނާގެ އެ ލަވައަކީ، ބޮކްސް އޮފީހުގައި ކާމިޔާބު "ސްތުރީ 2" ބޮޑަށް މަގުބޫލުވި އެއް ސަބަބެވެ. އެ ލަވަ އާންމުކުރި ދުވަސްވަރު ވަރަށް ބޮޑަށް ވައިރަލްވި އެވެ.
"އާޖް ކީ ރާތު"އަށް ބިލިއަން ވިއުސް ލިބުމާ އެކު، ތަމަންނާ ވަނީ އޭނާގެ ފޭނުންނަށް ޝުކުރު އަދާކޮށް، އިންސްޓަގްރާމްގައި އިއްޔެ ޕޯސްޓެއް ކޮށްފަ އެވެ. އެ ޕޯސްޓުގައި ވަނީ އެ ލަވައިގެ ޝޫޓިންގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ހިމަނައިފަ އެވެ.
"އެންމެ ވިއުއަކުން ބިލިއަން ވިއުސްއަށް. އެންމެން ތި ދޭ ލޯތްބަށް ޝުކުރުވެރިވަން،" ތަމަންނާގެ ޕޯސްޓުގައި ބުންޏެވެ.
ޖުލައި 24، 2024 ގައި ޔޫޓިއުބްގައި އާންމުކުރި "އާޖް ކީ ރާތު"އަކީ އިންޑިއާގެ ލަވަކިޔުންތެރިން ކަމަށްވާ މަދުބަންތީ ބާގްޗީ އާއި ދިވްޔާ ކުމާރް ކިޔާފައިވާ ލަވައެކެވެ. އެ ލަވައިގެ ލިރިކްސް ލިޔުނީ އަމީތާބު ބަޓަޗަރްޔާ އެވެ. އަދި މިއުޒިކް ކޮމްޕޯޒްކުރީ ސަޗިން-ޖިގަރެވެ.
ޝްރައްދާ ކަޕޫރް، ރާޖްކުމާރް ރާއޯ، ޕަންކަޖު ތުރިޕާޓީ، އަބީޝެކް ބެނަރްޖީ އަދި އަޕަރްޝަކްތީ ކުރާނާ މުހިންމު ރޯލުތައް ކުޅުނު "ސްތުރީ 2"އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 900 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ. އަދި އެއީ 2024 ވަނަ އަހަރު އިންޑިއާގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ.