ބޮލީވުޑްގެ ތަރި، ރާނީ މުކަރްޖީ ފުލުހެއްގެ ރޯލު ކުޅެމުން އަންނަ ފިލްމު ސީރީޒް "މަރުދާނީ"ގެ ތިންވަނަ ފިލްމު މި މަހު 30 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
"މަރުދާނީ" ޕްރޮޑިއުސްކުރާ، ރާނީގެ ފިރިމީހާގެ ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޔަޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން ސޯޝަލް މީޑިއާގައި އިއްޔެ އިއުލާންކުރި ގޮތުގައި، އެ ފިލްމު ރިލީޒްކުރާނީ މި މަހު 30 ގަ އެވެ. ރިލީޒްކުރާ ތާރީހު އިއުލާންކުރީ އެ ފިލްމުގެ ޕޯސްޓަރަކާ އެކުގަ އެވެ.
"މަރުދާނީ 3" ޑައިރެކްޓްކުރީ އަބިރާޖް މިނަވާލާ އެވެ. އޭނާއަކީ ފިލްމު "ވޯ 2"ގެ އެސޯސިއޭޓް ޑައިރެކްޓަރެވެ. އޭނާ ވަނީ ވައިއާރްއެފްގެ ފިލްމުތައް ކަމަށްވާ "ބޭންޑް ބާޖާ ބާރާތު" އާއި "ސުލްތާން" އަދި "ޓައިގާ 3"ގައި ވެސް މަސައްކަތްކޮށްފަ އެވެ.
މި ފިލްމުގެ ސްކްރިޕްޓް ލިޔުނީ ވައިއާރްއެފުން ޕްރޮޑިއުސްކުރި ނެޓްފްލިކްސްގެ ސީރީޒް "ދަ ރެއިލްވޭ މެން"ގެ ސްކްރިޕްޓް ލިޔުނު އާޔުޝް ގުޕްތާ އެވެ.
"މަރުދާނީ 3" ގެނެސްދެނީ އަންހެން ކުދިންގެ ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލައަކަށް ބިނާކޮށެވެ.
"މަރުދާނީ"ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 2014 ވަނަ އަހަރުގަ އެވެ. އަދި ދެވަނަ ފިލްމު ގެނެސްދިނީ 2019 ވަނަ އަހަރުގަ އެވެ. އެ ދެ ފިލްމަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.