ބޭވަފާތެރިވުމުން ގޯވިންދާއަށް މާފު ނުކުރާނެ ކަމަށް އޭނާގެ އަންހެނުން ސުނީތާ އަހޫޖާ ބުނެފި އެވެ. 

ބޮލީވުޑްގެ ތަރި ގޯވިންދާ އާއި އޭނާގެ އަންހެނުން ސުނީތާ ވަރިވާން އުޅޭ ކަމަށް ބުނާ އަޑުތަކެއް މިދިޔަ އަހަރު ވަރަށް ގަދަވި އެވެ. ނަމަވެސް، ވަރިވާން އަދި ނުނިންމާ ކަމަށް ސުނީތާ ވަނީ މިދިޔަ އަހަރު ބުނެފަ އެވެ. 

އާއިލީ މައްސަލަތަކާ ގުޅޭ ގޮތުން "މިސް މާލިނީ" ޕޮޑްކާސްޓަށް އިއްޔެ ދިން އިންޓަވިއުއެއްގައި ސުނީތާ ވަނީ ގޯވިންދާ އޭނާއަށް ބޭވަފާތެރިވިކަން ކަށަވަރުކޮށްދީފަ އެވެ. ސުނީޔާ ބުނި ގޮތުގައި، އޭނާ ގޯވިންދާއަށް މާފެއް ނުކުރާނެ އެވެ.  

"އަހަންނަކީ ނޭޕާލު މީހެއް. އަހަންނަށް އުނދަގުލެއް ވިއްޔާ އެންމެންނަށް އޭގެ އުނދަގޫ ޖެހޭނެ. އެހެންވެ، އަހަރެން އޭނާ [ގޯވިންދާ] ކައިރިން ބުނަން ބަލައިގެން އުޅޭށޭ، އަދިވެސް ވަގުތު އެބައޮތޭ،" ސުނީތާ ބުންޏެވެ. 

"އެ ކަހަލަ ކިތައްމެ އަންހެނަކު އަތުވެއްޖެ، އެކަމަކު އޭނާ [ގޯވިންދާ] މޮޔައީ. މިހާރު އުމުރުން 63 އަހަރު ވަނީ. ޓީނާ [އެމީހުންގެ އަންހެން ދަރިފުޅު] އިނީ ކައިވެނިކުރަން ވެފައި. ޔަޝް [އެމީހުންގެ ފިރިހެން ދަރިފުޅު] ހުރީ އޭނާގެ ކެރިއަރަށް ފޯކަސް ކުރަންވެފައި."

ސުނީތާ ބުނީ ފިރިހެން ދަރިފުޅުގެ ކަންކަމުގައި ގޯވިންދާ އެހީ ނުވާ ކަމަށެވެ. އެހެންވެ، ދަރިފުޅު ވެސް މިހާރު ގޯވިންދާގެ އެހީއަށް ނޭދޭ ކަމަށް އޭނާ ބުންޏެވެ. 

ގޯވިންދާ އާއި ސުނީތާ ކައިވެނިކުރީ 1987 ވަނަ އަހަރު އެވެ. ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި ކާމިޔާބު އެކްޓަރެއް ކަމަށްވާ ގޯވިންދާ މިހާރު މަސައްކަތް ކުރަނީ ސިޔާސީ ދާއިރާގަ އެވެ.