އޭނާއަކީ ވިކްޓިމެއް ކަމަށާއި ބަޔަކު "ރޭވުމެއްގެ ތެރެއިން" އުޅެނީ އޭނާގެ އަންހެނުން ސުނީތާ އަހޫޖާ ބޭނުންކޮށްގެން އޭނާގެ އަގުވައްޓާލަން ކަމަށް ގޯވިންދާ އިއްޔެ ބުނެފި އެވެ.
ބޮލީވުޑްގެ ތަރި ގޯވިންދާ ބޭވަފާތެރިވެފައި ވާތީ އޭނާއަށް މާފު ނުކުރާނެ ކަމަށް ސުނީތާ މިދިޔަ ހޮނިހިރު ދުވަހު "މިސް މާލިނީ" ޕޮޑްކާސްޓަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ.
ސުނީތާގެ އެ ވާހަކަތަކަށް ރައްދުދިނުމުގެ ގޮތުން އިންޑިއާގެ ނޫހެއް ކަަމަށްވާ އޭއެންއައި އަށް ގޯވިންދާ އިއްޔެ ދިން އިންޓަވިއުއެއްގައި ވަނީ މިއީ "ބޮޑު ރޭވުމެއްގެ ތެރެއިން" އޭނާގެ އަގުވައްޓާލަން ވަކި ބަޔަކު އަޑީގައި ތިބެގެން، "ސުނީތާ ބޭނުންކޮށްގެން" ހިންގާ "ޖަރީމާއެއް" ކަމަށް ތުހުމަތުކޮށްފަ އެވެ.
ގޯވިންދާ ބުނީ ހަނުހުރުމަކީ ބައެއް ފަހަރު އަމިއްލަ ނަފުސު ނިކަމެތިކޮށްލުން ކަމަށް ބެލެވިދާނެ ކަމަށެވެ. އެ ވާހަކަތަކަށް ރައްދު ދޭން ނިންމީ އެހެންވެ ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެން އެއްޗެއް ނުބުނެ މަޑުން ތިބުމުން، އެއީ ބަލިކަށިކަމެއް ކަމަށް ނުވަތަ ހުރިހާ މައްސަލައެއްގެ އަސްލަކީ އަހަރެމެން ކަމަށް މީހުންނަށް ހީވޭ. އެހެންކަމުން މިއަދު ރައްދު ދޭން މި ނިންމީ،" ގޯވިންދާ ބުންޏެވެ.
ގޯވިންދާ ބުނީ އޭނާގެ އާއިލާގެ މީހުންނަށް ނޭނގި، ބޮޑު ރޭވުމެއްގެ ތެރޭގައި އެމީހުން ބޭނުންކުރެވެމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއީ ވަކި ބަޔަކު އަޑީގައި ތިބެގެން އޭނާގެ އަގުވައްޓާލަން ކުރާ ކަމެއްކަން އާއިލާގެ މީހުންނަށް ވެސް އަދި ނޭނގޭނެ ކަމަށް އޭނާ ބުންޏެވެ.
"މި ބޮޑު ރޭވުމުގެ ތެރެއަށް އަމިއްލައަށް ވަދެވިފައިވާކަން ސުނީތާއަށް ވެސް ގަބޫލު ނުކުރެވޭ. އަދި މި 'ކޮންސްޕިރަސީ'ގެ ތެރޭގައި އެންމެ ކުރީ ސަފަށް ނެރެފައި ވަނީ ސުނީތާ،" ގޯވިންދާ ބުންޏެވެ.
ގޯވިންދާ ބުނީ މުޖުތަމައުގައި މީހުންގެ އަބުރު ކިލަނބުކޮށްލައި، އެމީހެއްގެ ބޮލުގައި ދޮގު އިލްޒާމުތައް އެޅުވުން އާންމު ކަަމަކަށް ހެދުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. މީގެ ކުރިން ވެސް މީހަކު އޭނާއާ ދެކޮޅަށް މިފަދަ ތުހުމަތުތަކެއް ކުރި ކަމަށާއި، ފަހުން އެއީ ކާކުކަން ފަޅާއެރި ކަމަށް އޭނާ ބުންޏެވެ.
ފިލްމީ ދާއިރާގައި މީހެއްގެ މަގުބޫލުކަން ބޮޑުވުމުން، އެ މީހަކު ނިކަމެތިކޮށްލުމަށްޓަކާ އަބަދުވެސް ބަޔަކު އުޅޭ ކަމަށް އޭނާ ބުންޏެވެ.
ގޯވިންދާ ބުނި ގޮތުގައި، މުދަލާއި މަޝްހޫރު ކަމަކީ އޭގެން ދުވަހަކު ވެސް ސަލާމަތްވާނެ އެއްޗެއްސެއް ނޫނެވެ. އަދި މިފަދަ ބޮޑެތި ރޭވުންތަކަކީ ކޮންމެކޮންމެ މީހަކާ ދެކޮޅަށް ހިންގާނެ ކަންތައްތަކެއް ވެސްް ނޫނެވެ.
މަޝްހޫރު އެހެން އެކްޓަރަކު ވެސް މިފަދަ ރޭވުމެއްގެ ޝިކާރައަކަށް (ވިކްޓިމަކަށް) މީގެ ކުރިން ވެފައިވާ ކަމަށާއި އޭނާއަކީ އެ އެކްޓަރާ އަޅާބަލާއިރު މާ މަޝްހޫރު މީހަކަށް ނުވިޔަސް، މިހާރު އޭނާއަށް ވެސް ވަނީ ހަމަ އެފަދަ ހާލަތަކާ ކުރިމަތިލާން ޖެހިފައި ކަމަށް ގޯވިންދާ ބުންޏެވެ.