ބޮލީވުޑްގެ ތަރިން ކަމަށްވާ އާލިއާ ބަޓް އާއި އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރުގެ ކައިވެނީގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތަކަށް އާލިއާ ވަރުގަދަ ރައްދެއް ދީފި އެވެ.
އެސްކުއަޔާ އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި އާލިއާ ބުނީ "އޮންލައިންކޮށް" ދެކެވޭ މިފަދަ ވާހަކަތަކަކީ ހަމައެކަނި ފަތުރާ އަޑުތަކެއް ކަމަށާއި، އެކަމާ އެ ދެމަފިރިން އެއްވެސް ވަރަކަށް ކަންބޮޑު ނުވާ ކަމަށެވެ. ބައެއް މީހުން ފާޑުކިޔަނީ އެމީހުންގެ ދިރިއުޅުމުގެ ފެންނަ އެންމެ ހަތް ވަރަކަށް ސިކުންތުގެ ވީޑިއޯ ކްލިޕްތަކަށް ބަލައިގެން ކަމަށް ވެސް އާލިއާ ބުންޏެވެ.
"އެ އަޑުތައް އަހަރެމެންނާ ހަމައަކަށް ނުފޯރާ. ސަބަބަކީ އެއީ ހަގީގަތެއް ނޫން. މީހުން އެ ފާޑުކިޔަނީ އެމީހުންނަށް ފެންނަ 3-7 ސިކުންތުގެ މަންޒަރަކަށް ބަލައިގެން. އެކަމަކު އަހަރެމެން އެކުގައި އުޅޭތާ މިހާރު ހަތް އަހަރު ވެއްޖެ،" އާލިއާ ބުންޏެވެ.
އާލިއާ ބުނީ އެ ދެމަފިރިންނާ ގުޅޭ ގޮތުން ހަދާފައި ހުންނަ މީމްސްތައް ފެނިގެން ބައެއް ފަހަރު ދެމީހުން އެކުގައި ހޭ ނަމަވެސް، އަނެއްބައި ފަހަރު އެކަމަށް އެއްވެސް ސަމާލުކަމެއް ނުދޭ ކަމަށެވެ.
ބަޔަކު ދައްކާ ވާހަކައެއްގެ ސަބަބުން އޭނާގެ އާއިލީގެ މަސްލަހަތު ނުގެއްލޭ ކަމަށާއި އޭނާ މިހާރު ހުރީ އޭނާގެ "ހުވަފެނީ ދިރިއުޅުމުގައި"، އަދި ކޮންމެ ދުވަހަކު ވެސް ނިދަން އަރަނީ ޝުކުރުވެރި ހިތަކާ އެކުގައި ކަމަށް އާލިއާ ބުންޏެވެ.
އާލިއާ އާއި ރަންބީރް ވެސް މި ދުވަސްކޮޅު އުޅެނީ އެމީހުންގެ ކުރިއަށް އޮތް ފިލްމުތަކުގެ މަސައްކަތުގައި ވަރަށް ބިޒީކޮށެވެ.
އަންނަ އޯގަސްޓް މަހު 14 ގައި ރިލީޒްކުރާ ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ލަވް އެންޑް ވޯ"ގައި އާލިއާ އާއި ރަންބީރުގެ އިތުރުން ވިކީ ކޯޝަލް ފެންނާނެ އެވެ. މިއީ އެ ދެމަފިރިން 2022 ވަނަ އަހަރު ގެނެސްދިން "ބްރަހްމާސްތުރަ"އަށް ފަހު އެކުގައި ފެންނާނެ ފުރަތަމަ ފިލްމެވެ.
އާލިއާ އަންނަނީ ވައިއާރުއެފްގެ ސްޕައި ޔުނިވާސްގެ އެކްޝަން ތުރިލާ ފިލްމު "އަލްފާ"ގެ މަސައްކަތް ވެސް ކުރަމުންނެވެ.
ރަންބީރު އަންނަނީ ނިތޭޝް ތިވާރީ ޑައިރެކްޓްކުރާ "ރަމަޔާނާ"ގެ މަސައްކަތް ވެސް ކުރަމުންނެވެ.