ބޮލީވުޑްގެ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ގެއަށް ބަޑި ޖަހައި، ހަމަލާދިން މައްސަލައިގައި 11 މީހަކު ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނީ ރޯހިތު ގެއަށް ހަމަލާދިން މައްސަލާގައި މިހާތަނަށް ޖުމްލަ 11 މީހަކު މުމްބާއީގެ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހަމަލާދިން މީހާ ވެސް ހިމެނޭ ކަމަށެވެ.
މި މަހުގެ އެއްވަނަ ދުވަހުގެ ރޭ މެންދަމު 12:45 ހާއިރު، މުމްބާއީގެ ޖޫހޫގައި ހުންނަ ރޯހިތު ޝެޓީގެ ނުވަ ބުރީގެ އިމާރާތް ނުވަތަ އޭނާގެ ގެއަށް އަމާޒުކޮށް ފަސް ފަހަރަށް ބަޑިޖަހާފައިވެ އެވެ. އޭގެ ތެރެއިން އެއް ވަޒަން އަރާފައި ވަނީ އެ ގޭގައި ހުންނަ ޖިމްގެ ބެލްކަނީގެ ބިއްލޫރިގަނޑަށެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މުމްބާއީ ފުލުހުންގެ އެންޓި-އެކްސްޓޯޝަން ސެލް އިން އެ މީހުން ހޯދައި ހައްޔަރުކުރީ ހަރިޔާނާ އާއި ރާޖަސްތާނުންނެވެ. އޭގެ ތެރޭގައި ބަޑިޖެހި ކަމަށް ތުހުމަތުކުރެވޭ ދީޕަކް ޝަރްމާ ކިޔާ މީހަކު ހިމެނެ އެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް މީހަކަށް ތުހުމަތުކުރަނީ ހަމަލާދިނުމަށް ސައިކަލާއި ހަތިޔާރު ފޯރުކޮށްދިނުމެވެ.
މި ހަމަލާގެ ޒިންމާ އުފުލާފައި ވަނީ އިންޑިއާގެ ނުރައްކާތެރި ގޭންގް ލީޑަރު ލޯރެންސް ބިޝްނޯއީގެ ގޭންގަށް ނިސްބަތްވާ ޝުބަމް ލޮންކަރް އެވެ.
މި މައްސަލައިގައި މުމްބާއީގެ ފުލުހުން ވަނީ އޯގަނައިޒްޑް ކްރައިމް ނުވަތަ ރާވައިގެން ހިންގާ ކުށްތަކާ ދެކޮޅަށް ބޭނުންކުރާ އިންޑިއާގެ ހަރުކަށި ގާނޫނު ތަހުގީގަށް ބޭނުންކޮށްފައި ކަމަށް ރިޕޯޓްތައް ބުންޏެވެ.
ނޫސްތަކުގައި ބުނީ ފުލުހުން އަންނަނީ މި ހަމަލާގެ އަސްލު މަގުސަދަކީ ބިރުދެއްކުންތޯ ނުވަތަ އެހެން ކަމެއްތޯ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.
މީގެ ކުރިން ސަލްމާން ހާންގެ ގޭގެ ބޭރަށް ވެސް މިފަދަ ހަމަލާތަކެއް ދީފައި ވާތީ، ބޮލީވުޑްގެ ތަރިންގެ ސަލާމަތާ މެދު މިހާރު ވަނީ ކަންބޮޑުވުން އިތުރުވެފަ އެވެ.
މުމްބާއީގައި ހުންނަ ސަލްމާންގެ ގެލެކްސީ އެޕާޓްމަންޓަށް 2024 ވަނަ އަހަރު ބަޑި ޖެހި މައްސަލާގައި ހައްޔަރުކުރި ފަސް މީހަކަށް ފުލުހުން މިދިޔަ އަހަރު ވަނީ ދައުވާކޮށްފަ އެވެ.
ބޮލީވުޑްގެ ތަރި ރަންވީރު ސިންގުއަށް މަރުގެ އިންޒާރު ދީގެން އޭނާގެ ސެކިއުރިޓީ ވެސް މިހާރު ވަނީ ވަރުގަދަކޮށްފަ އެވެ.