މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ދިރިއުޅޭ ގެއަށް ބަޑިޖެހި މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެމެރިކާގެ ލޮސް އެންޖެލިސްގައި ދިރިއުޅޭ ރިއާނާގެ ގެއަށް މީހަކު ބަޑިޖެހީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ.

ހާދިސާ ހިނގި ވަގުތު ރިއާނާ އާއި އޭނާގެ ކުދިން ގޭގައި އުޅެ އެވެ. ނަމަވެސް، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ހައްޔަރުކުރި އުމުރުން 30 އަހަރުގެ އަންހެން މީހާ ބަޑިޖަހާފައި ވަނީ ދުއްވާފައި ދިޔަ ހުދު ކުލައިގެ ޓެސްލާ ކާރެއްގެ ތެރޭގައި އިނދެގެން ކަމަށް ފުލުހުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވެ އެވެ.

އޭނާ ޖެހި ވަޒަންތަކުގެ ތެރެއިން އެއް ވަޒަން ގޭގެ ފާރަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ފުލުހުން ވަނީ އެ އަންހެން މީހާގެ ކާރުގެ ތެރެއިން އެސޯލްޓް ރައިފަލްއަކާއި ހަތް ވަޒަން ހޯދައިފަ އެވެ.

އޭނާ އެ ގެއަށް ހަމަލާދިން ސަބަބެއް އަދި ނޭނގެ އެވެ.