އަންނަ ޖޫން މަހު ކައިވެނިކުރާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އެމެރިކާގެ ފުޓުބޯޅަ ކުޅުންތެރިޔާ ޓްރޭވިސް ކެލްސީ ތިން ހަފުތާގެ ދިގު ހަނީމޫނަކަށް ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެ ތަރިން ކައިވެނިކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހު 13 ގަ އެވެ. އެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ ރޯޑް އައިލެންޑްގައި ހުންނަ ޓޭލާގެ ގަނޑުވަރެއް ފަދަ ގޭގަ އެވެ.
އެ ކައިވެންޏަށް ފަހު ދިން ހަފުތާގެ ދިގު ހަނީމޫނަށް ދެ ތަރިން ދާން އުޅޭ ކަމަށާއި ހަނީމޫނަށް ދާ ގައުމުތަކުގެ ތެރޭގައި ބަހާމާސް، އިޓަލީ، ފްރާންސް، ކްރޮއޭޝިއާ، ގްރީސް، ސިންގަޕޫރު އަދި އޮސްޓްރޭލިއާ ހިމެނޭ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެ ކައިވެނީގެ ކަންތައްތައް ވަރަށް ބޮޑަށް ސިއްރުކޮށްފައިވާއިރު، ގާތް ރަހުމަތްތެރިންނާއި އާއިލާއަށް އަންގާފައި ވަނީ އެ ދަތުރުތަކުގެ ތެރޭގައި އެއްވެސް ބަޔަކާ ގުޅުން ނުބާއްވައި "އޮފް ދަ ގްރިޑް"ގައި ތިބޭނެ ކަމަށެވެ.
ޓޭލާ އާއި ޓްރޭވިސް އެންގޭޖުވެ، ކައިވެނިކުރަން އުޅޭކަން އިއުލާންކުރީ އިންސްޓަގްރާމްގައި މިދިޔަ އަހަރު އޯގަސްޓް މަހު ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ވަނީ އެމީހުންގެ އެންގޭޖުމަންޓް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.
އެ ފޮޓޯތައް ހިއްސާކޮށް އެ ޕޯސްޓުގައި ކެޕްޝަންގައި ޓޭލާ ލިޔެފައި ވަނީ "އިނގިރޭސި ޓީޗަރާއި ޖިމް ޓީޗަރު އިންނަން" އުޅެނީ ކަމަށެވެ. އެހެން ބުނީ އެ ދެމީހުން މަސައްކަތްކުރާ ދާއިރާއަށް ނިސްބަތްކޮށް، ސަމާސާއަކަށް ކަމަށް ބެލެވެ އެވެ.
ޓޭލާ، 35، އާއި ޓްރެވިސް، 35، ލޯބީގެ ގޮތުން ގުޅުނީ 2023 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.