ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "ބްރިޖަޓަން" އިން ބޮޑު މަގުބޫލު ކަމެއް ހޯދި އިނގިރޭސި އެކްޓްރެސް ފީބީ ޑައިނެވޯ، އޭނާގެ ލޯބިވެރިޔާ އަދި ހޮލީވުޑްގެ ފިލްމު ޕްރޮޑިއުސަރު ކޭމްރޮން ފުލާއާ ކައިވެނިކޮށްފި އެވެ.

އެމީހުން ކައިވެނިކޮށްފައި ވަނީ ފްރާންސްގެ ޕްރޮވޯންސް ސަރަހައްދުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަފުލާއެއްގަ އެވެ. 

އެ ކައިވެނީގެ ހަފުލާ ބާއްވާފައި ވަނީ ފްރާންސްގެ ރޯން ކޯރު ކައިރީގައިވާ، 18 ވަނަ ގަރުނުގެ ތާރީހީ ގެއެއް ކަމަށްވާ "ލެ މަސް ދެ ޕުއާރިއޭ"ގަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ފީބީ ވަނީ އޭނާގެ މަންމައާ އެކު ކުރިން އެ ސަރަހައްދަށް ޒިޔާރަތްކޮށް، އެތަނުގެ ގުދުރަތީ ރީތިކަމަށް ހިތްޖެހި، ކައިވެނި އެތަނުގައި ބޭއްވުމަށް ރާވައިފަ އެވެ. އެ ހަފުލާގައި ބައިވެރިވެފައި ވަނީ ދެ ފަރާތުގެ އާއިލާގެ އެންމެ ގާތް މީހުންނާއި ރައްޓެހިން އެކަންޏެވެ. 

ކައިވެނީގެ ހަފުލާ އޮތީ ވަރަށް އާދައިގެ އަދި ސިއްރު ގޮތަކަށް ނަމަވެސް، ހަފުލާއަށް ފަހު ހާއްސަ ކެއުމަކާއި މިއުޒިކާއި ނެށުމުގެ ހަރަކާތްތަކެއް ބޭއްވި އެވެ.

އެ ހަފުލާގައި ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކޯލް ސްޕްރައުސް، ކިއަނަން ޝިޕްކާ އަދި ލޯގަން ލަމަން ކަހަލަ ތަރިން ބައިވެރިވިކަން ސޯޝަލް މީޑިއާގައި އާންމުވި ބައެއް ފޮޓޯތަކުން ވަނީ އެނގިފަ އެވެ.

ފީބީ އާއި ކޭމްރޮން އެންމެ ފުރަތަމަ ބައްދަލުވީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި ސަންޑާންސް ފިލްމު ފެސްޓިވަލްގެ ތެރެއިންނެވެ. އެއަށް ފަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، އެމީހުން އެންގޭޖުވީ 2024 ވަނަ އަހަރުގެ މެއި މަހުގަ އެވެ.

ކޭމްރޮންއަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ބްރެޑް ފުލާގެ ދަރިފުޅެވެ.