އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އެމެރިކާގެ ފުޓުބޯޅަ ކުޅުންތެރިޔާ ޓްރޭވިސް ކެލްސީ އަންނަ ޖޫން މަހު ކައިވެނިކުރަން ނިންމައިފި އެވެ.
އެންޓަޓެއިންމަންޓް ޓުނައިޓްގެ ރިޕޯޓެއްގައި ބުނި ގޮތުގައި، އެ ދެތަރިން ކައިވެނިކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހު 13 ގަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުގައި، ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ ރޯޑް އައިލެންޑްގައި ހުންނަ "ދަ އޯޝަން ހައުސް"ގަ އެވެ. ރޯޑް އައިލެންޑަކީ ޓޭލާގެ އަމިއްލަ ގަނޑުވަރެއް ފަދަ ބޮޑު ގެއެއް ވެސް ހުންނަ ސަރަހައްދެކެވެ.
ޓޭލާގެ ސަޕޯޓަރުން ނުވަތަ "ސްވިފްޓީޒް" އަށް މިއީ ވަރަށް ހާއްސަ ތާރީހެކެވެ. ސަބަބަކީ "13"އަކީ ޓޭލާގެ މުޅި ހަޔާތުގައި ވެސް އޭނާ އެންމެ ނަސީބުގަދަ ނަންބަރު ކަމަށް ގަބޫލުކުރާ ނަންބަރަށް ވުމެވެ.
ޓޭލާ އާއި ޓްރޭވިސް އެންގޭޖުވެ، ކައިވެނިކުރަން އުޅޭކަން އިއުލާންކުރީ އިންސްޓަގްރާމްގައި މިދިޔަ އަހަރު އޯގަސްޓް މަހު ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ވަނީ އެމީހުންގެ އެންގޭޖުމަންޓް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.
އެ ފޮޓޯތައް ހިއްސާކޮށް އެ ޕޯސްޓުގައި ކެޕްޝަންގައި ޓޭލާ ލިޔެފައި ވަނީ "އިނގިރޭސި ޓީޗަރާއި ޖިމް ޓީޗަރު އިންނަން" އުޅެނީ ކަމަށެވެ. އެހެން ބުނީ އެ ދެމީހުން މަސައްކަތްކުރާ ދާއިރާއަށް ނިސްބަތްކޮށް، ސަމާސާއަކަށް ކަމަށް ބެލެވެ އެވެ.
ޓޭލާ، 35، އާއި ޓްރެވިސް، 35، ލޯބީގެ ގޮތުން ގުޅުނީ 2023 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.