އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި މިއުޒީޝަން މެކްސް މޮރާންޑޯ، ފަސް އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ކައިވެނިކޮށްފި އެވެ.
މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ "އެންޓަޓެއިންމަންޓް ޓުނައިޓް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 33 އަހަރުގެ މައިލީ އާއި 28 އަހަރުގެ މެކްސް ކައިވެނިކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ކެލިފޯނިއާގެ ޕާމް ސްޕްރިންގްސްގައި ހުންނަ އަމިއްލަ ގެއެއްގައި ބޭއްވި ޕްރައިވެޓް ހަފުލާއެއްގަ އެވެ.
އެ ހަފުލާގައި މައިލީގެ މަންމަ ޓިޝް ސައިރަސް އާއި ކޮއްކޮ ނޯއާ ސައިރަސްގެ އިތުރުން ދެ ފަރާތުގެ އާއިލާގެ މެންބަރުންނާއި ގާތް އެކުވެރިން ބައިވެރިވި އެވެ.
މައިލީ އާއި މެކްސް އެންމެ ފުރަތަމަ ބައްދަލުވީ 2021 ވަނަ އަހަރު ރަހުމަތްތެރިއެއް މެދުވެރިކޮށް ރޭވި "ބްލައިންޑް ޑޭޓް" އަކުންނެވެ. އަދި އޭގެ ފަހުން އެ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ގޫޗީ ފެޝަން ޝޯއަކުން ދެމީހުން އެކުގައި ފެނުމާ އެކު އެ ގުޅުމުގެ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށި އެވެ.
އާންމު ދިރިއުޅުމުގެ ކަންކަން މީޑިއާތަކާ ދުރުގައި، ވަރަށް ސިއްރުން ގެންގުޅޭ މި ޖޯޑުން އެންގޭޖްވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޖަޕާނަށް ކުރި ދަތުރެއްގަ އެވެ.
މިއީ މައިލީގެ ދެވަނަ ކައިވެންޏެވެ. މީގެ ކުރިން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭނާ އޮސްޓްރޭލިއާގެ އެކްޓަރު ލިއަމް ހެމްސްވޯތުއާ ކައިވެނިކުރި ނަމަވެސް، އޭގެ އަށް މަސްދުވަސް ފަހުން އެ ކައިވެނި ވަނީ ރޫޅިފަ އެވެ.
ކައިވެނި ހަފުލާގެ އެއްވެސް ފޮޓޯއެއް މައިލީ އަދި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ނުވި ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުން އަންނަނީ މި އުފާވެރި ޚަބަރާ ގުޅިގެން އެ ޖޯޑަށް މަރުހަބާ ކިޔަމުންނެވެ.