ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް "ފްރީ ޕަލަސްތީން" އަށް ގޮވާލައި، ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލުމަށް ދުނިޔޭގެ އެހެން ފަންނާނުންނަށް ހިތްވަރުދީ ވަރުގަދަ ބަޔާނެއް ކެނެޑާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޝޯން މެންޑެސް އިއްޔެ އާންމުކޮށްފި އެވެ.

އުމުރުން 28 އަހަރުގެ ޝޯން، އޭނާގެ 68 މިލިއަން ފޮލޯވަރުން ތިބި އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ބަޔާނުގެ ފެށުމުގައި ވެސް ބޮޑު އަކުރުން "ފްރީ ޕަލަސްތީން" ޖެހުމަށް ފަހު ބުނެފައި ވަނީ އަހަރެމެންގެ ލޯމަތީގައި މިހާރު ހިނގަމުންދަނީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް (ޖެނޮސައިޑެއް) ކަމަށާއި، ޣައްޒާގައި ދެމުންދާ ރަހުމުކުޑަ ހަމަލާތަކާއި މީހުން މެރުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ފަލަސްތީނުގެ ކުޑަކުދިންނާއި އާއިލާތައް ވޭނާއި ހިތާމައިގައި އުޅޭތާ މާ ގިނަ ދުވަސް ވެއްޖެ ކަމަށާއި އެމީހުންނަށް މިހާރު އަހަރެމެންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށް އޭނާ ޝޯން ބުންޏެވެ. 

މި މައްސަލައިގައި އަމިއްލައަށް ކަންކަން ބަލައި، އެހީތެރިވެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރަމުން ޝޯން ބުނީ "ޕަލަސްތީން ޗިލްޑްރަންސް ރިލީފް ފަންޑް" ކަހަލަ ފަލަސްތީނަށް އެހީވާ ޖަމިއްޔާތަކަށް އޭނާ މިހާރު ވެސް ފައިސާ ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ސަޕޯޓަރުން ވެސް އެ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައިވެ އެވެ.

އޭނާގެ އެކުވެރިންނާއި މިއުޒިކީ ދާއިރާގެ އެހެން ފަންނާނުންނަށް ޝޯން ބުނީ މި ކަހަލަ ކަމެއްގައި އާންމުކޮށް ވާހަކަދެއްކުމަކީ ބިރުވެރި ކަމަކަށް ވެދާނެކަން އެނގޭ ކަމަށާއި، އެ ބަޔާން ލިޔަމުންދިޔައިރު ޚުދު އޭނާއަށް ވެސް އެކަން އިހުސާސް ކުރެވެނު ކަމަށެވެ.

ނަމަވެސް، ގިނަ ބަޔަކު އަޑުއުފުލި ވަރަކަށް ބަދަލެއް ގެނައުމާ ގާތަށް ދެވޭނެ ކަމަށާއި ފަލަސްތީނުގެ ކުޑަކުދިން ހިތްވަރުކުރާތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި، ދެން އޮތީ އަހަރެމެންގެ ހިތްވަރު ދައްކަންވީ ވަގުތު ކަމަށް ބުނެ ޝޯން ވަނީ ފަންނާނުންނަށް ހިތްވަރުދީފަ އެވެ.

ޝޯން މި ކަހަލަ ބަޔާނެއް ނެރެފައި ވަނީ އޮލިވިއާ ރޮޑްރިގޯ، ދުއާ ލިޕާ އަދި މެކްލެމޯ ކަހަލަ މަޝްހޫރު އެހެން ފަންނާނުން ވެސް ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަމުންދާ ދަނޑިވަޅެއްގަ އެވެ.