އޮސްޓްރޭލިއާގެ މިއުޒިކް ބޭންޑް "ބިޔޯން އަގެއިން" އިން މާލޭގައި މާދަމާ ރޭ ބާއްވަން އުޅުނު ޝޯ ބޭއްވުން އެހެން ތަނަކަށް ބަދަލުކުރަން އެދުނީ އެ އިވެންޓު ބާއްވަން އުޅުނު ސޯޝަލް ސެންޓަރުގައި މަރާމާތުތަކެއް ކުރިއަށް ދާތީ ކަމަށް ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ. 

ރާފިއު "މިހާރު" އަށް ވިދާޅުވީ އެ ޝޯ ކެންސަލް ކުރަން ނިންމުމަކީ "ބިޔޯން އަގެއިން"ގެ އަމިއްލަ ނިންމުމެއް ކަމަށެވެ.  

މިނިސްޓްރީން އެދުނީ އެ ޝޯ ބާއްވަން އުޅުނު ސޯޝަލް ސެންޓަރުގެ ސްޓޭޖަށް ކުއްލި މައްސަލަތަކެއް ދިމާވުމުން މެއިންޓެނަންސްގެ މަސައްކަތްތައް ކުރިއަށް ގެންދަން ޝޯ ބާއްވާ ތަން، އެހެން ތަނަކަށް ބަދަލުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި މެއިންޓެނަންސްގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށް އެބަދެ އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި، ސޯޝަލް ސެންޓަރުގެ ސްޓޭޖުގެ ފުރާޅުން ފެން ލީކުވުމާއި ކަރަންޓު ވަޔަރިންގެ މައްސަލަތަކެއް އުޅޭތީ އެތަން މަރާމާތުކުރަން ވަނީ ޖެހިފަ އެވެ. އެހެންވެ، އެ މަސައްކަތްތައް ކުރުމަށް ޝޯ ބާއްވާ ތަން ހުޅުމާލެ ނުވަތަ ފޭދޫފިނޮޅަށް ބަދަލުކުރަން މިނިސްޓްރީން އެ ބޭންޑަށް ހުށަހެޅި އެވެ. 

ނަމަވެސް، ވަގުތު ކުޑަތަންވެފައި އޮތުމުން ޝޯ ކެންސަލްކުރަން ބޭންޑުން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެމީހުން ބުނީ އެމީހުންނަށް އުނދަގޫވާނެޔޭ މިހާރު އެހެން ދިމާއަކަށް މޫވް ކުރަން، ދުވަސްކޮޅު ކުޑަވީމަ. އެހެންވީމަ ތިމަންނަމެން ކެންސަލްއޭ ކުރާނީ މިތާ [ސޯޝަލް ސެންޓަރު]ގައި ނުބޭއްވެންޔާ،" ރާފިއު ވިދާޅުވި އެވެ. 

ބޭންޑުން އެ ނިންމުން ނިންމީ މިނިސްޓްރީއާ ވަރަށް ރަނގަޅަށް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

"މި ޝޯ ބޭއްވޭނެ ވަރުގެ އެހެން ތަނެއް މާލޭގައި ނެތް"

އޫބާ އިވެންޓްސްގެ ޑިރެކްޓަރު އުމަރު ޒިޔާދު "މިހާރު"އަށް ވިދާޅުވީ ސޯޝަލް ސެންޓަރުގައި ޝޯ ނުބޭއްވޭނެ ކަމަށް މިނިސްޓްރީން އެންގީ މިދިޔަ ހޯމަ ދުވަހު ކަމަށާއި އޭރު އިވެންޓު ބާއްވަން އެ ސެންޓަރުގެ އިންޑޯ ހޯލްގައި ސެޓަޕް ހަދައި 80 ޕަސެންޓު މަސައްކަތް ހުރީ ނިމިފައި ކަމަށެވެ. ޝޯ ބާއްވަން އެހެން ތަނެއް ހަމަޖައްސަން މިނިސްޓްރީން އެދުނު ނަމަވެސް، ޝޯ ބާއްވަން ވަގުތު ކުޑަތަންވެފައިވުމާ އެކު އެއީ ކުރެވެން ނެތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑު ބުނީ މި އިވެންޓު މޫވްކުރަން ވަރަށް އުނދަގުލޭ، ބިކޯޒް ސޯޝަލް ސެންޓަރު ގޮތަށް ހެދިފައި ހުރި އެހެން އިމާރާތެއް ނެތޭ، އިންޑޯގައޭ އިވެންޓު ބާއްވަން ޖެހެނީ މޫސުމާ އެއްޗެހި ދައްކާ ގޮތުން،" އޭނާ ވިދާޅުވި އެވެ. 

އުމަރު ވިދާޅުވީ ސޯޝަލް ސެންޓަރުގައި ޝޯ ނުބޭއްވޭނެ ކަމަށް މިނިސްޓްރީން ބުނިއިރު، ޝޯއަށް ހުރީ ތިން ކެޓަގަރީއަކުން އެކި އަގުތަކުގައި ގިނަ އަދަދެއްގެ ޓިކެޓު ވެސް ވިއްކާފައި ކަމަށެވެ. ގާތްގަނޑަކަށް ހާހެއްހާ ޓިކެޓު ވިއްކިއިރު، މިގޮތަށް ޝޯއެއް ބޭއްވޭނެ އެހެން ތަނެއް މާލެ ސަރަހައްދުގައި ނެތުމުން ސޯޝަލް ސެންޓަރު ނޫން ތަނެއްގައި ޝޯ ބޭއްވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ކައިރި ރަށެއްގައި ޝޯ ބާއްވަން މިނިސްޓްރީން ހިޔާލު ދިން ނަމަވެސް، އެހާ ގިނަ ބަޔަކު ލޯންޗަށް އަރުވައިގެން ރަށުން ބޭރަށް ގެންދިއުމަކީ ލޮޖިސްޓިކްސްގެ ގޮތުން ވެސް ދަތި، އަދި މޫސުން ވެސް ގޯސް ދުވަސްވަރެއް ވާނެ ކަމަށް ނޫން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. 

އުމަރު ވިދާޅުވީ ޝޯ ކެންސަލް ކުރަން ޖެހުނުއިރު، އެ ބޭންޑުގެ މެމްބަރުން ރޭ މާލެ ވެސް އައިސްފައިވާ ކަމަށާއި، މިނިސްޓްރީން ފަހު ވަގުތު އެންގި މި އެންގުމާ ގުޅިގެން އެ ބޭންޑުގެ މެމްބަރުން ވަރަށް "ޑިސެޕޮއިންޓް"ވެފައިވާ ކަމަށެވެ. އަދި މި ޝޯ ކެންސަލް ކުރަން ޖެހުމުގެ ސަބަބުން އޫބާ އިވެންޓަށް ވެސް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޫބާ އިވެންޓްސް އިން ވަނީ މި ޝޯއަށް ވިއްކި ޓިކެޓުތައް ރީފަންޑްކޮށްދޭން ނިންމައިފަ އެވެ. 

"ބިޔޯން އަގެއިން" ޝޯ ކެންސަލްކުރީ ސަރުކާރުން އަންގައިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ. 

އުބާ އިވެންޓްސްގެ ފަރާތުން ބާއްވާ އެ ޝޯއަށް ސްޕޮންސަރުން ހޯދައި ވަރަށް ބޮޑަށް އިޝްތިހާރުކޮށް، އަދި ޓިކެޓު ވެސް ވިއްކާފައި ވަނިކޮށް އެ ޝޯ ކެންސަލް ކުރީ އިއްޔެ އެވެ. 

އެ ޝޯ ކެންސަލްކުރުމުން އެކަމަށް ފާޑުވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޝޯ އާއި މިއުޒިކް ވެސް މަނާކުރެވިގެން ނުވާނެ ކަމަށެވެ. 

"ރާއްޖޭގެ ޒުވާނުން އެދޭ ކަންކަން މި ރާއްޖޭގައި ހިންގަން ޖެހޭނެ. މިއީ ވަކި ބައެއްގެ ރާއްޖެއެއް ނޫން، ހުރިހާ ދިވެހިންގެ ރާއްޖެ،" ނަޝީދު ވިދާޅުވި އެވެ.