އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ "ލޫޕް ޓުއާ"ގައި ބައިވެރިވާ ހުރިހާ ސަޕޯޓިން އާޓިސްޓުންނާއި އޭނާގެ ބެކިން ބޭންޑުގެ މެމްބަރުން އެއްފަހަރާ ޓުއާ ދޫކޮށް ގޮސްފި އެވެ.

މިއީ އެމެރިކާގެ މަޝްހޫރު ރެޕާ މެކްލެމޯ ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ޓުއާ އިން އޭނާ ވަކިކުރުމާ ގުޅިގެން އޭނާއަށް ތާއީދުކުރުމުގެ ގޮތުން ޓީމުން އެޅި ވަރުގަދަ ފިޔަވަޅެކެވެ.  

މި މައްސަލަ ބޮޑުވީ އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ބޭއްވި ކޮންސެޓެއްގެ މެދުތެރެއިން މެކްލެމޯ "ފްރީ ޕަލަސްތީން"އޭ ގޮވާލައި، ގާޒާގެ ހާލަތާ ގުޅޭ ގޮތުން ހަދާފައިވާ "ހިންޑްސް ހޯލް" ލަވަ ހުށަހެޅުމުންނެވެ.

އެއާ އެކު، ނިއު އިންގްލަންޑް ޕެޓްރިއޮޓްސްގެ ވެރިޔާ އަދި ބިލިއަނަރު ރޮބަޓް ކްރާފްޓް އިސްވެ ހުންނަވައި، ކޮންސަޓް ބާއްވާ ބައެއް ސްޓޭޑިއަމްތަކުގެ ވެރިން ވަނީ މެކްލެމޯ ޝޯގައި ބައިވެރިކުރާ ނަމަ ކޮންސެޓްތައް ބޭއްވުމަށް ހުރަސްއަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެއާ އެކު، ޓުއާ އިންތިޒާމުކުރާ ފަރާތްތަކުން ވަނީ މެކްލެމޯ ޓުއާ އިން ވަކިކޮށްފަ އެވެ.  

މެކްލެމޯ އުނިކުރުމާ ގުޅިގެން އެޑް ޝީރަން ނެރުނު ބަޔާނެއްގައި ބުނީ، މިއީ އޭނާގެ ނިންމުމެއް ނޫން ކަމަށާއި އިންތިޒާމުކުރާ ފަރާތްތަކާއި ސްޓޭޑިއަމްތަކުގެ ނިންމުމެއް ކަމަށެވެ. އަދި އޭނާގެ މަގުސަދަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަދެ، ސަޕޯޓަރުންނަށާއި ކްރޫއިންނަށް ޝޯތައް ކުރިއަށް ގެންދިއުން ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، ޝީރަންގެ މި ނިންމުމަށް ފާޑުކިޔައި، ޓުއާގައި ބައިވެރިވާ އެހެން އެއްވެސް އާޓިސްޓަކު ޝޯތަކުގައި ދެން ބައިވެރިނުވާން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ބިލީ އައިލިޝްގެ ގާތް ރައްޓެއްސެއް ކަމަށްވާ ފިނިއަސް އާއި ޑެންމާކުގެ މަޝްހޫރު ބޭންޑު "ލޫކަސް ގްރޭހަމް" އާއި އައިރިޝް އާޓިސްޓު އެރަން ރޯ އަދި ޝީރަންގެ ލައިވް ޝޯތަކުގައި ކުޅޭ އަޔަލޭންޑުގެ ބޭންޑު "ބިއޯގާ" ހިމެނެ އެވެ.

ފިނިއަސް ބުނެފައި ވަނީ އަނިޔާ ލިބެމުންދާ މީހުންގެ ހައްގުގައި ވާހަކަދައްކާ އާޓިސްޓުންގެ އަޑު އަނެކުން ކަނޑުވާލައިގެން ނުވާނެ ކަމަށެވެ.  

މި ވަގުތު ޝީރަންގެ ޓުއާގެ ބޭންޑާއި ސަޕޯޓިން އާޓިސްޓުން ނެތުމުގެ ސަބަބުން ކުރިއަށް ހުރި ޝޯތައް ކުރިއަށް ގެންދާނެ ގޮތަކާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ނަމަވެސް، ޓުއާ އިންތިޒާމުކުރާ ފަރާތްތަކުން އަދި މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.