މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް ބަލިވެ އުޅޭތީ އޭނާގެ "ކޮނަކޮލް" ޓުއާގެ އެމެރިކާގެ ހުރިހާ ޝޯތަކެއް ކެންސަލްކޮށްފި އެވެ.

ޒޭން ވަނީ މި މަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދައިފަ އެވެ. ނަމަވެސް، އޭނާއަށް ވީގޮތެއް ހާމައެއް ނުކުރެ އެވެ. 

ޒޭން އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ކުރިއަށް އޮތް މަސްތަކުގެ ތާވަލަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ. އެމެރިކާގެ ހުރިހާ ޝޯތަކެއްގެ އިތުރުން ޑުބްލިން، ގްލާސްގޯ އަދި ބާމިންހަމްގެ ޝޯތައް ވެސް ކެންސަލްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ކުރިން 31 ޝޯއެއް ބާއްވަން ރޭވި މި ޓުއާ މިހާރު ވަނީ ނުވަ ޝޯއަށް މަދުކޮށްފަ އެވެ.

ޒޭން ބުނި ގޮތުގައި، އޭނާ މިހާރު ހުރީ ގޭގައި އަދި އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

"އަހަރެން މިހާރު ހުރީ ގޭގައި ރިކަވަރީގައި. އަހަރެންގެ ހާލު ރަނގަޅު، އަދި ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި އަންނާނަން،" ޒޭން ބުންޏެވެ.

ޒޭން ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ މަހު 17 ގައި، އޭނާގެ އާ އަލްބަމް "ކޮނަކޮލް" ނެރުނު ދުވަހު އެވެ. ބަލީގެ ތަފްސީލު ހާމަނުކުރި ނަމަވެސް، އޭނާ ވަނީ ފަރުވާދިން ޑޮކްޓަރުންނާއި ނަރުހުން އަދި ހާއްސަކޮށް ކާޑިއޮލޮޖިސްޓުންނަށް ޝުކުރު އަދާކޮށްފަ އެވެ.

އެމެރިކާގެ ޝޯތައް ކެންސަލް ކުރި ނަމަވެސް، ލަންޑަނާއި މެންޗެސްޓާގެ ބައެއް ޝޯތަކުގެ އިތުރުން މެކްސިކޯ އަދި ސައުތު އެމެރިކާގައި މި މަހު ބާއްވާ ޝޯތައް ކުރިއަށް ގެންދިއުމަށް ޒޭން ވަނީ ނިންމައިފަ އެވެ. 

ޒޭން ވަނީ އޭނާއަށް ހެޔޮ ދުއާކޮށް ހިތްވަރުދިން ހުރިހާ ފޭނުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ވީހާ ވެސް ގިނަ ފޭނުންނާ ބައްދަލުކުރަން ބޭނުންވާ ކަމަށާއި ކެންސަލްވި ޝޯތަކުގެ ބަދަލުގައި އެހެން ފުރުސަތެއްގައި ބައްދަލުވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކެންސަލްވި ޝޯތަކަށް ޓިކެޓް ގަނެފައިވާ މީހުންނަށް ފައިސާ އަނބުރާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.