އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތު ސިންގްގެ މިއުޒިކީ ކެރިއަރަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އަންނަ އަހަރު އިންޑިއާގެ ނުވަ ސިޓީއެއްގައި ބޮޑު ކޮންސަޓް ޓުއާއެއް ބާއްވަން ނިންމައިފި އެވެ.

މިއީ އަރްޖިތުގެ ކެރިއަރުގައި މިހާތަނަށް އިންޑިއާގައި ބާއްވާ އެންމެ ބޮޑު މިއުޒިކީ ޓުއާ އެވެ.

އެ ޓުއާ ކުރިއަށް ގެންދާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ކަމަށް ރިޕޯޓްތައް ބުންޏެވެ.

އަރްޖިތު ޝޯތައް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވާ ސިޓީތަކުގެ ތެރޭގައި އަހްމަދުއާބާދު، ޗަންދީގަރު، ޖައިޕޫރު، މުމްބާއީ، ބެންގަލޫރު، ނިއު ދިއްލީ، ޕޫނޭ، އިންދޯރު އަދި ހައިދަރުއާބާދު ހިމެނެ އެވެ.

އެ ކޮންސަޓް ޓުއާއާ ބެހޭ ގޮތުން ވާހަކަދައްކަމުން އަރްޖިތު ބުނީ މިއުޒިކް ދާއިރާގައި ހޭދަކުރެވުނު 20 އަހަރަކީ ވަރަށް އުފާވެރި އަދި ޝުކުރުވެރިވާ ފަދަ ދިގު ދަތުރެއް ކަމަށެވެ. އަދި އިންޑިއާގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނާ ބައްދަލުކޮށް، ލައިވްކޮށް ލަވަތައް ހުށަހަޅައިދިނުމަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

އިންޑިއާގެ އެކި ސްޓޭޑިއަމްތަކުގައި ބާއްވާ އެ ޝޯތަކުގައި އެންމެ ފަހުގެ އޯޑިއޯ އަދި ވިޝުއަލް ޓެކްނޮލޮޖީ ބޭނުންކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ޓުއާގެ ޓިކެޓްތައް "ތަމްޕްއެން" މެދުވެރިކޮށް މި މަހު ވިއްކަން ފަށަން ވަނީ ނިންމައިފަ އެވެ.