ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ނާރުގެ ބައްޔެއް ތަހައްމަލު ކުރަމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ.
ސޯނޫ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައިވާ ގޮތުގައި އޭނާ މިހާރު ދަނީ ނާރެއް ފިތިގެން ވަރަށް ބޮޑަށް އެކަމުގެ ވޭން ތަހައްމަލު ކުރަމުންނެވެ.
ސޯނޫ ބުނީ އޭނާގެ ކޮނޑާއި ކަރާއި އަދި ބުރަކަށީގެ ނާރުތަކަށް ދިމާވި މި މައްސަލައާ ގުޅިގެން ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު ހޮސްޕިޓަލުގައި ގިނަ ޓެސްޓުތަކެއް ހަދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އެމްއާރުއައި އާއި ސީޓީ ސްކޭންތައް ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
އެ ބައްޔަށް ލުޔެއް ހޯދުމަށް އޭނާ މިހާރު އަންނަނީ ފިޒިއޮތެރަޕީ ވެސް ހަދަމުންނެވެ. ނަމަވެސް، ފިޒިއޮތެރަޕީ ސެޝަންތަކަކީ "ވަރަށް ވޭންހުރި" ކަމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ. އަދި ތަދު ކަނޑުވަން ގިނަ އަދަދެއްގެ ބޭސްތަކާއި ޕެއިންކިލާސް ބޭނުންކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މި ބަލީގެ ސަބަބުންނާއި "މަސުލް ރިލެކްސިން" އަށް ދޭ ބޭސްތަކުގެ ސަބަބުން ސޯނޫގެ ކަރަށް ބާރުވެ، އޭނާގެ އަޑަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. ލަވަކިޔުންތެރިއަކަށް ވުމުން މިއީ އޭނާގެ ކޮންފިޑެންސް ނުވަތަ އަމިއްލަ ނަފުސަށް އޮތް އިތުބާރު ކުޑަވި ކަމެއް ކަމަށް އޭނާ ބުންޏެވެ.
ކަރުތެރެ އެއްކޮށް ސާފުނުވާތީ ސްޓޭޖުމަތީގައި ލަވަކިޔަން އުނދަގޫވާނެ ކަމަށް އޭނާ ބުންޏެވެ.
އެ ބަލީގެ ވޭނުގައި އުޅެން ޖެހުނު ނަމަވެސް، އޭނާގެ ކުރިއަށް ހުރި ޝޯތައް ކެންސަލް ނުކުރަން ސޯނޫ ވަނީ ނިންމައިފަ އެވެ.
މި މަހު 27 ގައި އިންޑިއާގެ މުމްބާއީގެ ނީތާ މުކޭޝް އަމްބާނީ ކަލްޗުރަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ބޮޑު ކޮންސެޓް ކެންސަލް ނުކުރާ ކަމަށް ސޯނޫ ބުންޏެވެ.
ސިއްހީ ހާލަތުގެ ވީޑިއޯ އާންމުކުރުމަށް ފަހު، އޭނާ ވަނީ މި ހަފުތާގައި ދުބާއީގައި މިއުޒިކް ކޮމްޕޯޒަރު ސަލީމް މާޗަންޓާ އެކު ކާމިޔާބު ލައިވް ޝޯއެއް ވެސް ބާއްވައިފަ އެވެ. އޭނާ ސްޓޭޖަށް އެރީ ކަރުގައި ހާއްސަ މެޑިކަލް ޓޭޕްތަކެއް އަޅައިގެންނެވެ.
އަންނަ އޮކްޓޯބަރު މަހު އޮސްޓްރޭލިއާގެ ސިޑްނީގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ "ރިވޮލިއުޝަން ޓުއާ" ކޮންސެޓްގެ ހުރިހާ ޓިކެޓެއް، ވިއްކަން ފެށިތާ އެންމެ 48 ގަޑިއިރު ތެރޭގައި އެއްކޮށް ވިކި ހުސްވެފައިވެ އެވެ.