އިންޑިއާގެ ލަވަކިޔުންތެރިޔާ އަރްޖިތު ސިންގް: އޭނާގެ ޝޯތައް ވެސް ވަނީ ކެންސަލްކޮށްފައި.
10 މެއި 2025 - 06:23
އިންޑިއާ އާއި ޕާކިސްތާންގެ ހަމަނުޖެހުމާ ގުޅިގެން ވަރަށް ގިނަ އާޓިސްޓުންގެ މިއުޒިކް ޝޯތައް ކެންސަލްކޮށްފި އެވެ.
ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު 26 މީހަކު މަރާލި ހާދިސާގައި ޕާކިސްތާނަށް ތުހުމަތުކޮށް އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދިނުމާ އެކު، ދެ ގައުމުގެ ދެމެދުގައި މިހާރު ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ. މަޝްރަހު ވަރަށް ބޮޑަށް ހޫނުވެ އިންޑިއާއިން ވަނީ "އޮޕަރޭޝަން ސިންދޫރް"ގެ ނަމުގައި ހާއްސަ އޮޕަރޭޝަނަށް ފަށައި ޕާކިސްތާނަށް ހަމަލާދޭން ފަށައިފަ އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގައި ބާއްވަން ތާވަލުކޮށްފައިވާ ވަރަށް ގިނަ މިއުޒިކް ޝޯތަކުގެ އިތުރުން އެހެން ޝޯތައް ވެސް އަންނަނީ ކެންސަލްކުރަމުންނެވެ. އެމެރިކާގެ ކޮމީޑިއަން އަދި އެކްޓަރު ކެވިން ހާޓްގެ ހާއްސަ ޝޯއެއް ވެސް މިދިޔަ މަހު 30 ގައި ދިއްލީގައި ބާއްވަން ތާވަލުކުރި ނަމަވެސް، މި ހަމަނުޖެހުންތަކާ ގުޅިގެން ފަހު ވަގުތުގައި ވަނީ ކެންސަލް ކޮށްފަ އެވެ.
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތު ސިންގް ރޭ ޔޫއޭއީގެ އަބޫ ދާބީގައި ބާއްވަން އުޅުނު ޝޯ ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
އިންޑިއާގެ އެކި ސްޓޭޓްތަކާއި ބޭރުގެ އެކި ގައުމުތަކުގައި ބާއްވަން ތާވަލުކުރި ޝޯތައް ކެންސަލްކުރި މަޝްހޫރު އާޓިސްޓުންގެ ތެރޭގައި ޝްރެޔާ ގޯޝަލް، އުޝާ އުތުޕް، ކައިލާޝް ކޭރް އަދި ޝަންކަރް މަހަދޭވް ހިމެނެ އެވެ.
އެ އާޓިސްޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކުގައި ބުނީ ޝޯތައް ކެންސަލްކުރަން ޖެހުނީ އިންޑިއާ އާއި ޕާކިސްތާންއާ ދެމެދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކަމަށެވެ. ކެންސަލްކުރި ޝޯތައް އަލުން ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ޓިކެޓް ރީފަންޑް ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ހަމަލާތަކާ ގުޅިގެން އިންޑިއާގެ އުތުރުގެ ހިސާބުތަކުގައި ގިނަ އެއާޕޯޓުތަކެއް މި ވަގުތު ބަންދުކޮށްފައި ވާތީ، ދަތުރުފަތުރުގެ ދަތިތަކާ ގުޅިގެން ވެސް ބައެއް އާޓިސްޓުން ވަނީ ޝޯތައް ކެންސަލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއައު
10 May 2025
އަޅެ. މިގައުމުގަ ނަމަ ރާގާއެކު ހަމަ ޅެމުން ތިޔަ ހަމަ ނުޖެހުމަށް ފަރުވާކޮށް ނިންމާލީސް. ހާދަ ފަހަތުގައޭ ދޯ މިއުޅެނީ މިވެރިން
ކޮރަލް
10 May 2025
މިނިވަން ގައުމަކާ ދެކޮޅަށް ހެކި ނެތި ފުރަތަމަ ހަމަލާ ދިނުމާ ގުޅިގެން އޭގެ އަސަރު ދެގައުމުގެ ރައްޔިތުންނަށް އެދަނީ ކުރަމުންނެވެ. އިންޑިޔާ އާ ޕާކިސްތާން އަށް އިގްތިސާދީ ގޮތުން ވ ބޮޑު ގެއްލުމެއް ދަނީ ވަމުންނެވެ.