އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް އޮޕަރޭޝަން ތިއޭޓަރުގައި އޮވެގެން ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ރަފީގެ ލަވައެއް ކިޔާ ވީޑިއޯއެއް އާންމުވުމާ އެކު ސަޕޯޓަރުންގެ މެދުގައި ކަންބޮޑުވުން އުފެދުމުން އެކަމާ ގުޅޭ ތަފްސީލު އޭނާ ހާމަކޮށްފި އެވެ.

އުމުރުން 53 އަހަރުގެ ސޯނޫ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ފެންނަނީ އޭނާ އޮޕަރޭޝަން ތިއޭޓަރުގައި އޮވެގެން، 1949 ވަނަ އަހަރު ނުކުތް ފިލްމު "ދުލާރީ"ގެ މަޝްހޫރު ލަވަ "ސުހާނީ ރާތު ދަލް ޗުކީ" ކިޔާ މަންޒަރެވެ.

ސޯނޫ ބުނި ގޮތުގައި އޭނާ އޮޕަރޭޝަނެއް ކުރަން ޖެހުނީ ވާތުގެ ކަށި އިނގިއްޔަށް ދިމާވެގެން އުޅޭ ސިއްހީ މައްސަލައަކާ ގުޅިގެންނެވެ. އެ އިނގިލީގައި އެއްޗެއް ނެގުމުގެ ސަބަބުން މީގެ ހަތަރު މަސްދުވަސް ކުރިން ވެސް އޭނާ ވަނީ އޮޕަރޭޝަނެއް ކޮށްފަ އެވެ.

ނަމަވެސް، އެ މައްސަލަ އަލުން ތަކުރާރުވީ ކަށީގައި އާތުރައިޓިސް ހުރުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އަސްލުވާ ގޮތެއް ޔަގީންވާން އަދި އިތުރަށް ބަލައިގެން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

އޮޕަރޭޝަން ތިއޭޓަރުގައި ލަވަކިޔަން ދިމާވި ގޮތް ކިޔައިދެމުން ސޯނޫ ބުނީ އެއީ ވަކި ރޭވުމަކުން ކުރި ކަމެއް ނޫން ކަމަށާއި އެވަގުތު ދިމާވި ކަމަކުން ވީގޮތެއް ކަމަށެވެ.

ސާޖަރީ ކުރިއަށްދިޔަ ވަގުތު، ސޯނޫގެ ސަޕޯޓަރެއް ކަމަށްވާ ޑރ. ނިލޭޝް ސަތުބާއީ ވަނީ ސޯނޫގެ "ރަފީ ރެސުރެކްޓެޑް" އަލްބަމްގެ ލަވަތައް އޮޕަރޭޝަން ތިއޭޓަރުގައި ޖަހައިފަ އެވެ. ސާޖަރީގެ މެދުތެރެއިން ބައެއް ލަވަތަކުގެ އަޑު ކެނޑި، ހަމައެކަނި މިއުޒިކް އިވޭގޮތް ވުމުން ސޯނޫ އަމިއްލައަށް އެ މިއުޒިކާ އެއްވަރަށް ލަވަކިޔަން ފެށީ އެވެ.

އޭނާ ލަވަކިޔަން ފެށުމުން އޮޕަރޭޝަން ތިއޭޓަރުގައި ތިބި ޑޮކްޓަރުންގެ ޓީމު ވަރަށް ބޮޑަށް އުފާވި ކަމަށް ވެސް ސޯނޫ ބުންޏެވެ.

ޑޮކްޓަރުން ވަނީ ބަލިމީހަކު ސާޖަރީގައި އޮވެގެން ޑޮކްޓަރުންނަށް ލަވަކިޔައިދިން މިއީ ފުރަތަމަ ފަހަރު ކަމަށް ބުނެފަ އެވެ.

ސޯނޫ ޑޮކްޓަރުންނަށް ދެތިން ލަވައެއް ކިޔައިދިންއިރު، އެ ހަނދާންތައް ރެކޯޑުކޮށްލުމަށް ޑޮކްޓަރުންގެ ކިބައިން އެދުނީ ވެސް ސޯނޫ އަމިއްލައަށެވެ. އެއަށް ފަހު ޑޮކްޓަރުން އެ ވީޑިއޯ ފޮނުވުމުން ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރީ ވެސް ސޯނޫ އެވެ. 

ސާޖަރީއަށް ފަހު ވެސް މަސައްކަތުން ބްރޭކެއް ނަގަން ގަސްދުނުކުރާ ކަމަށް ސޯނޫ ބުންޏެވެ.

ސާޖަރީ ކުރި ދުވަސް ނޫން އޭގެ އަނެއް ދުވަހު، އޭނާގެ އާ ލަވަ "ޗުއްނީ" ލޯންޗުކުރުމުގެ ހަފުލާއަށް ދިޔަ ކަމަށާއި މި ދުވަސްވަރު އެކި ހަރަކާތްތަކާއި ލަވަކިޔުމުގެ ކަންކަމުގައި ވެސް އުޅެމުން އަންނަ ކަމަށް ސޯނޫ ބުންޏެވެ.