ބޮލީވުޑްގެ މިއުޒިކް ކޮމްޕޯޒަރު އަދި ލަވަކިޔުންތެރިޔާ އާމާލް މަލިކް، ފިލްމުތަކަށް މިއުޒިކް އުފެއްދުމުން ވަގުތީ ގޮތުން ދުރުވާން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

އެ ނިންމުން އޭނާ ނިންމާފައި ވަނީ މި މަހު ރިލީޒްކުރި "އާވާރާޕަން 2" ފިލްމުގެ "ޔޭ އާވާރާޕަން" ލަވައާ ގުޅިގެން އުފެދުނު ބަހުސްތަކާއި ސޯޝަލް މީޑިއާގެ ދެކެވުނު ވާހަކަތަކަށް ފަހުގަ އެވެ.

އާމާލް ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ މި އަންނަ އަހަރާ ހަމައަށް ފިލްމީ މިއުޒިކުގެ އެއްވެސް މަސައްކަތެއް ދެން ނުކުރާނެ ކަމަށެވެ. މީގެ އިތުރުން، މިއީ އޭނާގެ ސިއްހަތަށާއި ނަފްސާނީ އަދި ރޫހީ ދުޅަހެޔޮކަމަށްޓަކައި ކޮންމެހެން ނަގަންޖެހުނު ބްރޭކެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ސަޕޯޓަރުންގެ ކިބައިން އާމާލް އެދިފައި ވަނީ މި ވަގުތު އޭނާއަށް އަމިއްލަ ވަގުތު ދިނުމަށާއި މި ނިންމުމާ ގުޅޭގޮތުން އިތުރަށް ސުވާލު ނުކުރުމަށެވެ.

އެ ނިންމުމުގެ ފަހަތުގައި ބޮލީވުޑްގެ މިއުޒިކް އިންޑަސްޓްރީގެ ތެރޭގައި އޮތް ނޭދެވޭ ޕީއާރު އުކުޅުތަކާއި ސިޔާސަތުތަކާ މެދު އޭނާގެ ހުރި ހިތްހަމަނުޖެހުންތައް ހިމެނެ އެވެ. އާމާލް ކުރިން ވެސް ވަނީ އިންޑަސްޓްރީގެ ބާރުގަދަ ބައެއް ފަރާތްތަކުން އޭނާގެ މަސައްކަތްތަކަށް ހުރަސްއަޅައި، އެކި ޕްރޮޖެކްޓްތަކުން ބާކީކުރަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އަމިއްލަ މިއުޒިކުގެ އަގު ހިފެހެއްޓުމަށްޓަކައި އިންޑަސްޓްރީގެ ޕްރެޝަރުތަކުން ދުރުވުން މުހިންމު ކަމަށް އާމާލް ގަބޫލުކުރެ އެވެ.

ފިލްމުތަކަށް މިއުޒިކް އުފެއްދުމުން ބްރޭކެއް ނެގި ނަމަވެސް، މިއުޒިކް އުފެއްދުން މުޅިން ހުއްޓާނުލާނެ ކަމުގެ އުއްމީދު އާމާލް ވަނީ ސަޕޯޓަރުންނަށް ދީފަ އެވެ.

އާމާލް ހާމަކުރި ގޮތުގައި ކުރިއަށް އޮތް ތަނުގައި އަމިއްލަ މިއުޒިކް އަލްބަމްތަކާއި މިއުޒިކީ އެހެން މަސައްކަތްތައް ފެންނާނެ އެވެ. އޭނާގެ މި ނިންމުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި މިއުޒިކީ ދާއިރާގެ އެކުވެރިން ވަނީ ތާއީދުކޮށް، އޭނާއަށް ހިތްވަރުދީފަ އެވެ.  

"އާވާރާޕަން 2"ގެ "ޔޭ އާވާރާޕަން" ލަވައާ ގުޅިގެން މައްސަލަ ބޮޑުވީ، ލަވަ ނުކުތުމާ އެކު ސޯޝަލް މީޑިއާގައި އެ ލަވައަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވުމުންނެވެ. އަދި 2007 ގައި ނުކުތް ފުރަތަމަ ފިލްމުގެ މަގުބޫލު މިއުޒިކާ އަޅާބަލާއިރު މި ލަވަ ކަމުނުދާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔެވެ.  

ނަމަވެސް، އެ ލަވައިގެ މިއުޒިކް ކޮމްޕޯޒަރު އާމާލް ވަނީ މި ފާޑުކިޔުންތަކަކީ އޭނާގެ މަސައްކަތް ބޮލާލައިޖެހުމަށް މިއުޒިކް އިންޑަސްޓްރީގެ ވާދަވެރި ބައެއް ފަރާތްތަކުން ފައިސާދީގެން ގަސްދުގައި ހިންގި ދެކޮޅު ކެމްޕޭނެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި، އެ ލަވައަކީ އަމިއްލަ ވަކި ގޮތަކަށް އުފެއްދި އާޓިސްޓިކް މަސައްކަތެއް ކަމަށާއި، ލަވައެއްގެ ކާމިޔާބީ މިނަންޖެހޭނީ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަކުން ނޫނެވެ.