ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރުގެ ނަމާއި ހައިސިއްޔަތު ބޭނުންކުރުން ހުއްޓުވުމަށް، އޭނާގެ އާއިލާއިން އެ ނަމުގެ ކޮޕީރައިޓް ނުވަތަ "ޕާސަނަލިޓީ ރައިޓްސް" ހޯދައިފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނީ ރިޝީގެ އާއިލާއިން އެ ފިޔަވަޅު އެޅީ އޭނާގެ ނަމާއި އަޑު އަދި ސޫރަ ވިޔަފާރިގެ ބޭނުންތަކަށާއި އާންމު ކަންކަމުގައި އާއިލާގެ ހުއްދައެއް ނެތި ބޭނުންކުރުން ހުއްޓުވުމަށް ކަމަށެވެ.

މި ހޯދި ގާނޫނީ ރައްކާތެރިކަމުގެ ސަބަބުން، އެއްވެސް ބަޔަކު "ރިޝީ ކަޕޫރު"ގެ ނަން ޕްރޮފެޝަނަލް، ވިޔަފާރި ނުވަތަ އާންމު އެއްވެސް ކަމެއްގައި ބޭނުންކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ އާއިލާގެ ރަސްމީ ހުއްދައެއް ހޯދަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.

އާއިލާގެ މަގުސަދަކީ ރިޝީގެ އަބުރާއި އޭނާ ދޫކޮށްފައި ދިޔަ ފަންނީ ތަރިކަ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުން ކަމަށާއި އޭގެ ތެރޭގައި އޭނާގެ ސިފަ ބޭނުންކޮށްގެން މުދާ އިޝްތިހާރުކުރުމާއި އޭނާއާ ގުޅުންހުރި ޕްރޮޖެކްޓްތައް ހުއްދަ ނެތި ހިންގުން ހިމެނޭ ކަމަށް ނޫސްތަކުގައި ބުނެފައިވެ އެވެ.

ގާތްގަނޑަކަށް 50 އަހަރު ފިލްމީ ދާއިރާގައި މަސައްކަތްކޮށް، 150 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ރިޝީ ކަޕޫރު މަރުވީ އެޕްރީލް 30، 2020 ގަ އެވެ. އޭނާއަކީ ހިންދީ ސިނަމާގެ އެންމެ ނުފޫޒުގަދަ އެއް އާއިލާ ކަމަށްވާ "ކަޕޫރު" އާއިލާއަށް ނިސްބަތްވާ ފަންނާނެކެވެ.

މިއީ ދުނިޔޭގެ މަޝްހޫރު އެހެން ފަންނާނުން ވެސް އެމީހުންގެ ނަމާއި އަބުރު ރައްކާތެރިކުރުމަށް އަޅަމުން އަންނަ ގާނޫނީ ފިޔަވަޅެކެވެ. އިންޑިއާގައި މީގެ ކުރިން އަމީތާބް ބައްޗަން ކަހަލަ ފަންނާނުން ވެސް ވަނީ އެމީހުންގެ "ޕާސަނަލިޓީ ރައިޓްސް" ރައްކާތެރިކޮށްފަ އެވެ.