ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސްގެ ހުރިހާ ސަބްސްކްރިޕްޝަން ޕްލޭންތަކެއްގެ އަގު އެމެރިކާގައި އަނެއްކާވެސް ބޮޑުކޮށްފި އެވެ.
ނެޓްފްލިކްސްގެ ސަބްސްކްރިޕްޝަން ފީ އެމެރިކާގައި އެންމެ ފަހުން ބޮޑުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.
މިފަހަރު ގެނައި ބަދަލުތަކަކީ؛
- އިޝްތިހާރު ހިމެނޭ ޕްލޭން: މަހަކު 7.99 ޑޮލަރުން 8.99 ޑޮލަރަށް
- ސްޓޭންޑަޑް ޕްލޭން: މަހަކު 17.99 ޑޮލަރުން 19.99 ޑޮލަރަށް
- ޕްރީމިއަމް ޕްލޭން: މަހަކު 24.99 ޑޮލަރުން 26.99 ޑޮލަރަށް
މީގެ އިތުރުން، އެއް ގެއެއްގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މީހުންނަށް އެކައުންޓް ހިއްސާކުރާ ނަމަ ދައްކަން ޖެހޭ "އެކްސްޓްރާ މެންބާ" ފީ ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެއީ، އިޝްތިހާރު ހިމެނޭ ޕްލޭންތަކަށް 6.99 ޑޮލަރު އަދި އިޝްތިހާރު ނުހިމެނޭ ޕްލޭންތަކަށް 9.99 ޑޮލަރެވެ.
ނެޓްފްލިކްސް އިން ބުނި ގޮތުގައި، އަގުތަކަށް ބަދަލު ގެނައީ އެ ކުންފުނިން އުފައްދާ ފިލްމާއި ސީރީޒްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި އަލަށް ފެށި ލައިވް އިވެންޓްތަކާއި ވީޑިއޯ ޕޮޑްކާސްޓް ކަހަލަ ހިދުމަތްތަކަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށެވެ.
ކޮންޓެންޓް އުފެއްދުމަށް މި އަހަރު 20 ބިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައިވާ ކަމަށް ނެޓްފްލިކްސް އިން ބުންޏެވެ.
ނެޓްފްލިކްސް އިން ބުނީ އަލަށް ސަބްސްކްރައިބް ކުރާ މީހުންނަށް މިހާރު ވެސް އާ އަގުތައް ހިނގާނެ ކަމަށެ. އަދި މިހާރު ހިދުމަތް ހޯދަމުން އަންނަ މީހުންނަށް އީ-މެއިލް މެދުވެރިކޮށް މިކަން އަންގައި، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އާ އަގުތަކަށް ބަދަލުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމެރިކާގެ އިތުރުން އެހެން އެއްވެސް ގައުމެއްގައި ނެޓްފްލިކްސް ބޭނުންކުރަން ދައްކަން ޖެހޭ ފީ ބޮޑުކޮށްފައެއް އަދި ނުވެ އެވެ.