ބޮލީވުޑްގެ ކޮމެޑީ އެކްޓަރު ރާޖްޕާލް ޔާދަވް، ޝާހްރުކް ހާންގެ ކާމިޔާބު ފިލްމު "އޯމް ޝާންތީ އޯމް" އިން އޭނާއަށް ލިބެން އޮތް ރޯލެއް ގެއްލުނު ގޮތުގެ ވާހަކަ ހިއްސާކޮށްފި އެވެ.
ރާޖްޕަލް ބުނި ގޮތުގައި، އެ ރޯލު އޭނާއަށް ގެއްލުނީ ޝާހު އާއި އޭނާއާ ދެމެދު އުފެދުނު ބޮޑު އޮޅުމެއްގެ ސަބަބުންނެވެ. ރާޖްޕާލް މި ވާހަކަ ހާމަކުރީ އޭނާގެ އާ ފިލްމު "ބޫތު ބަންގްލާ" ޕްރޮމޯޓް ކުރުމަށް ދިން އިންޓަވިއުއެއްގަ އެވެ.
ރާޖްޕާލް ބުނީ "އޯމް ޝާންތީ އޯމް"ގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު، ޝާހު ބޭނުންވީ އޭނާއަށް ހާއްސަ ރޯލެއް އެ ފިލްމުގައި ލިޔުމަށް ކަމަށެވެ.
ނަމަވެސް، ފަހުން ރާޖްޕާލްއަށް އެނގުނު ގޮތުގައި، ބަޔަކު ވަނީ އޭނާ އެ ރޯލު ބޭނުން ނުވާ ކަމަށާއި އޭނާގެ އަތުގައި ވަގުތު ނެތް ކަމަށް ބުނެ ޝާހު ގާތުގައި ދޮގު މައުލޫމާތު ދީފަ އެވެ.
މި އޮޅުން ފިލީ މާ ފަހުން، ފިލްމު "ބިއްލޫ ބާބާ"ގެ މަސައްކަތް ހިނގަމުން ދިޔަ ދުވަސްވަރު އެވެ. އެ ފިލްމުގެ ސެޓުން ޝާހުއާ ބައްދަލުވެ ދެކެވުނު ވާހަކައިގެ ތެރެއިން އަސްލު ކަން ހިނގި ގޮތް ސާފުވި އެވެ.
ރާޖްޕާލް ބުނި ގޮތުގައި، އޭނާއާ ބެހޭ ގޮތުން ނުބައި ވާހަކަތަކެއް ދައްކައި، އޭނާގެ އަގު ވައްޓާލަން ބަޔަކު މަސައްކަތް ކުރީ އެވެ.
ނަމަވެސް، މިކަމުގެ ސަބަބުން ޝާހުއާ އޮތް ގުޅުމަށް އެއްވެސް ބުރުލެއް ނާރާ ކަމަށް އޭނާ ބުންޏެވެ.
"ބޮލީވުޑަކީ މިކަހަލަ 10-20 ކަންތައް އަބަދުވެސް ހިނގާ ތަނެއް. އަހަރެމެން ދެމީހުން ބައްދަލުވެ ބައްދާލުމުން ހުރިހާ ކަމެއް ހަމައަކަށް އެޅުނު،" ރާޖްޕާލް ބުންޏެވެ.
މީގެ އިތުރުން، "ބިއްލޫ ބާބާ"ގައި އިރްފާން ހާން ކުޅުނު މައިގަނޑު ރޯލަކީ ވެސް ފުރަތަމަ ރާޖްޕާލްއަށް ލިބުނު ރޯލެއް ކަމަށާއި ފަހުން އެ ރޯލު އިރްފާނަށް ދިނީ ކަމަށް ވެސް އޭނާ ބުންޏެވެ.
ފަރާ ހާން ޑައިރެކްޓްކުރި "އޯމް ޝާންތީ އޯމް"އަކީ ދީޕިކާ ޕަދުކޯން ބޮލީވުޑަށް ތައާރަފުވި އަދި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.
ރާޖްޕާލް ދެން އެންމެ އަވަހަށް ފެންނާނީ އަކްޝޭ ކުމާރާ އެކު، އަންނަ ހުކުރު ދުވަހު ޕްރިމިއާ ކުރާ "ބޫތު ބަންގްލާ" އިންނެވެ.