ޝާހްރުކް ހާންގެ ކުރިއަށް އޮތް ފިލްމު "ކިންގް" އަށް އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން ލަވައެއް ރެކޯޑުކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެކަމާ ގުޅޭ ގޮތުން އެ ފިލްމުގެ މިއުޒިކް ކޮމްޕޯޒަރު އަނިރުދު ރަވިޗަންދަރު "ބޮމްބޭ ޓައިމްސް"އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނީ އެޑް ޝީރަން އެ ފިލްމުގެ ލަވައެއްގައި ބައިވެރިވުމަކީ އަދި ހަމައެކަނި ހިޔާލެއް ކަމަށެވެ. އަމަލީ ގޮތުން އެކަން އަދި ނުފެށޭ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް، އެކަން ހަގީގަތަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނުވަތަ އެއަށް ވުރެ ބޮޑު ކަމެއް ކުރިއަށް އޮތް ކަމަށް އޭނާ ވަނީ އިޝާރާތް ކޮށްފަ އެވެ.
އެޑް ޝީރަން ވަނީ މީގެ ކުރިން ޝާހުއާ އެކު އޭނާގެ ލަވަ "ސެފަޔާ"ގައި މަސައްކަތްކޮށްފަ އެވެ. އެ ލަވައިގެ ވީޑިއޯގައި ޝާހު ފެނެ އެވެ.
މިދިޔަ އަހަރު އެޑް ޝީރަން ވަނީ ޝާހުގެ ފިލްމަކަށް ހިންދީ ލަވައެއް ރެކޯޑުކޮށްފައިވާ ކަމަށް ވެސް ބުނެފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ "ކިންގް" އަށެވެ.
"ކިންގް" އަކީ ޝާހު އާއި އޭނާގެ އަންހެން ދަރިފުޅު ސުހާނާ ހާން އެކުގައި ފެންނާނެ ފުރަތަމަ ފިލްމެވެ. އަބީޝެކް ބައްޗަން އާއޮ ދީޕިކާ ޕަދުކޯން އަދި ރާނީ މުކަރްޖީ ކަހަލަ ތަރިން އެ ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނެ އެވެ.
އެ ފިލްމު ޑައިރެކްޓު ކުރަނީ ޝާހުގެ "ޕަޓާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދެވެ.
"ކިންގް" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހު 24 ގަ އެވެ.