އެމެރިކާގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބަޔޮޕިކް ފިލްމު "މައިކަލް" އަށް ކްރިޓިކްސްގެ ފަރާތުން ފިނި ތަރުހީބެއް ލިބި، ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމު ރިލީޒްކުރުމުގެ ކުރިން އާންމުކުރި ފުރަތަމަ ރިވިއުތަކާ އެކު "ރޮޓެން ޓޮމާޓޯސް"ގައި އެ ފިލްމަށް ލިބިފައި ވަނީ އެންމެ 27 ޕަސެންޓެވެ. މިއީ މި ކަހަލަ ބޮޑު ފިލްމަކާ އަޅާ ބަލާއިރު ވަރަށް ދަށް އަދަދެކެވެ.
"ދަ ރެޕް"ގެ ރިވިއުގައި ބުނީ މި ފިލްމަކީ ބަލާ މީހާ މާޔޫސްކޮށްލާ ކަހަލަ ފިލްމެއް ކަމަށެވެ. އަދި މިއީ ހަގީގީ ވާހަކައެއް ކިޔައިދިނުމުގެ ބަދަލުގައި މައިކަލް ޖެކްސަންގެ ފޭނުން އުފާކޮށްދޭން ހަދާފައިވާ ފިލްމެއް ކަމަށް ބުނެފައިވެ އެވެ.
މި ފިލްމަކީ ވަރަށް ދަށް ފެންވަރުގެ ފިލްމެއްގެ ގޮތުގައި ފާހަގަކޮށް، ފިލްމުގެ ސްކްރީންޕްލޭގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށް އައިޖީއެންގެ ރިވިއުގައި ބުންޏެވެ.
ބީބީސީގެ ރިވިއުގައި އެ ފިލްމަށް އެއް ތަރީގެ ރޭޓިންއެއް ދީ ބުނެފައި ވަނީ މައިކަލް ޖެކްސަންގެ ހަޔާތުގައި ދިމާވި މުހިންމު އަދި ބޮޑެތި މައްސަލަތައް (ހާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުތައް) ފިލްމުން އުނިކޮށްފައިވާ ކަމަށެވެ.
ފިލްމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، މައިކަލް ޖެކްސަންގެ ރޯލު ކުޅުނު އޭނާއަށް ބޮޑުބޭބެ ކިޔާ ޖާފަރު ޖެކްސަންގެ އެކްޓިން އަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ.
"ވެރައިޓީ" އިން ބުނި ގޮތުގައި، ޖާފަރު ވަނީ މައިކަލް ޖެކްސަންގެ ހަރަކާތްތަކާއި އަޑު ވަރަށް ފުރިހަމައަށް ދައްކުވައިދީފަ އެވެ. "ސްކްރީން ރޭންޓް" އިން ވެސް ވަނީ މި ފިލްމުގެ ހެދުންތަކާއި ޕާފޯމަންސްތަކަށް ތައުރީފުކޮށްފަ އެވެ.
އެންޓޮނީ ފޫކުއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއާކުރަނީ އަންނަ ހުކުރު ދުވަހު އެވެ.