ޕޮޕް މިއުޒިކްގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ބަޔޮޕިކް ފިލްމު "މައިކަލް" ދުނިޔޭގެ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، ދުނިޔޭގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ބަޔޮޕިކްގެ ރެކޯޑް މުގުރާލައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މައިކަލް ޖެކްސަން މަރުވިތާ 17 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ވެސް، އޭނާގެ މަގުބޫލުކަން ދުނިޔޭގައި އަދިވެސް ކުޑަނުވާކަން މި ކާމިޔާބީން ހާމަވެ އެވެ.

މި ފިލްމުގައި މައިކަލް ޖެކްސަންގެ ރޯލު ކުޅެނީ އޭނާއަށް ބޮޑުބޭބެ ކިޔާ ޖާފަ ޖެކްސަން އެވެ. 

އެންޓޮއިން ފުކުއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ވަނީ ކުރިން މި ރެކޯޑް ދެމެހެއްޓި ބޮޑެތި ފިލްމުތައް ފަހަތަށް ޖައްސާލައިފަ އެވެ.

މުގުރާލި ރެކޯޑްތައް
  • ބޮހީމިއަން ރެޕްސަޑީ (2018): ކުއީން ބޭންޑުގެ ފްރެޑީ މާކިއުރީގެ ހަޔާތުގެ މައްޗަށް ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު 911 މިލިއަން ޑޮލަރު
  • އޮޕަންހައިމާ (2023): ކްރިސްޓޮފާ ނޯލަންގެ ކާމިޔާބު ފިލްމު "އޮޕަންހައިމާ"އަށް ބޮކްސް އޮފީހުގައި ލިބުނީ 977 މިލިއަން ޑޮލަރު

މީގެ އިތުރުން، ދަ ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ ހޮލީވުޑްގެ ބޮޑެތި ސްޓޫޑިއޯތަކުން ދޫކޮށްލުމުން "ލަޔަންސްގޭޓް" ކަހަލަ މިނިވަން ސްޓޫޑިއޯއަކުން ޔުނިވާސަލް ޕިކްޗާސްއާ ގުޅިގެން ނެރުނު ފިލްމުތަކުގެ ތެރެއިން އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމު ވެސް މެ އެވެ.

ފިލްމު ރިވިއުކުރާ ކްރިޓިކުންގެ މެދުގައި މި ފިލްމަށް ލިބުނީ އެވްރެޖް ތަރުހީބެކެވެ. ރޮޓެން ޓޮމާޓޯސްގައި ކްރިޓިކްސްގެ ސްކޯއަކީ އެންމެ 40 ޕަސެންޓެވެ. ނަމަވެސް، ބެލުންތެރިންގެ ފަރާތުން އެ ފިލްމަށް އާދަޔާ ޚިލާފު ބޮޑު ތަރުހީބެއް ލިބި، އޯޑިއަންސް ސްކޯ ވަނީ 97 ޕަސެންޓަށް އަރައިފަ އެވެ.